ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ހަގީގީ ސިޔާސަތު ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށާއި، ގޯއްޗާއި ފްލެޓު ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހު އޮތް އިންތިހާބުގެ ދުވަސްވަރު، ކުރީ ސަރުކާރުން ދޫކުރި އެއްވެސް ބިމެއް އަތުނުލައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ދެއްވި ޕްރެސް ކޮންފަރެންސްގައި، އެމްޑީޕީގެ ސަރުކާރުން ދޫކުރި ގޯތިތަކުގެ ރަޖިސްޓްރީތަކާ މެދު ސުވާލު އުފައްދަވައި އެ ތަންތަން ހަވާލުކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެ، ގޯތިތަކުގެ ލޮކޭޝަން ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވި ކަމަށް މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން، މީކާއީލް ވިދާޅުވި ގޮތުގައި، ފުށިދިއްގަރު ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް، މިދިޔަ ސަރުކާރުން ގޯތި ދިނުމަށް ކަނޑައެޅި ހުޅުމާލޭގެ ހިއްކާފައިވާ ސަރަހައްދާއި ގުޅީފަޅާއި ގިރާވަރުފަޅަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ.

އެ މައްސަލަ އަށް ޖުމްލަގޮތެއްގައި ބަހުސްކުރެއްވި އެމްޑީޕީގެ މެންބަރުން ވަނީ މީކާއީލްގެ ކުއްލި މައްސަލައަށް ތާއީދުކޮށް، މި ސަރުކާރުން ކުރީ ސަރުކާރުން ދޫކުރި ގޯތިތައް 'ފޭރިގެންފައިވާ' ކަމަށް ސިފަކޮށް ވާހަކަ ދައްކައިފައެވެ. އަދި މީކާއީލްގެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތަށް، ގޯއްޗާއި ފްލެޓު ލިބުނުކަމުގެ ލިޔުން ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

އެކަމަކު މީކާއީލްގެ ކުއްލި މައްސަލައާ ދެކޮޅަށް ވެސް ބައެއް މެންބަރުން ބަހުސްކުރެއްވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ، ފްލެޓާއި ގޯއްޗަށް ހުށަހެޅި މީހުންގެ ހާލަތު މިނިސްޓްރީން ދެނެގަނެ ޕޮއިންޓު ދިނުމުގައި ގެންގުޅުނީ 'ދޯހަޅި' އުސޫލެއް ކަމަށާއި، ސައްހަނޫން މައުލޫމާތު ހުށަހެޅި މީހުންގެ ތެރެއިން މަތިން ޕޮއިންޓު ލިބުނު މީހުންނަށް ވެސް ފްލެޓު ދެވޭނެ ކަމަށް ބުނެފައިވާ އޮންނަ އޮތުން ބަލައިނުގަންނަ ކަމަށެވެ.

"އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ސަރުކާރެއްގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްކަމުގައިވީ ނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތްކަމެއްނޫން ކަމުގައި އަޅުގަނޑު ދަންނަވަން،" ފްލެޓާއި ގޯތި ދޫކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވިއެވެ.

ހަމަ އެހެންމެ މާލެ ނައިސް ރަށްރަށުގައި ދިރިއުޅުނު މީހުންނަށް ވެސް މާލޭން ފްލެޓު ލިބިފައިވާ ކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ، ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ރަނގަޅަށް ބެލި ނަމަ ހައްގުވާ އެތައް ފަރާތެއް ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ ލިސްޓު އަލުން މުރާޖައާކޮށް ކުރިއަށް ގެންދިއުމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވީ، މީކާއީލް މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ގައުމު ހަލަބޮލިކުރުމުގެ ނިޔަތުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހައިދަރު އިއްޔެ ހާޒިރުކޮށް ސުވާލުކުރުމުން ސާފުކޮށް ހުރިހާ ވާހަކައެއް ވިދާޅުވި ކަމަށެވެ. އެގޮތުން ގޯއްޗާއި ފްލެޓު ދިން ލޮކޭޝަން ބަދަލުކުރަން ބޭނުންނުވާ ކަމަށް ހައިދަރު ވިދާޅުވި ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ހައިދަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ރަޖިސްޓްރީ ދޫކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފައި ހުރި ބައެއް ތަންތަނަކީ ހިއްކާފައި އޮތް ބިމަކުން ދީފައިވާ ތަންތަން ނޫން ކަމަށާއި، އެހެންކަމުން ގާނޫނީ ގޮތުން އެކަމުގައި އޮންނަ ގޮތް ބައްލަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ފްލެޓުތަކާ ބެހޭ ގޮތުން ބައިވަރު ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެކަމުގެ ތެރޭގައި އޭސީސީން ވެސް އެންގުންތަކެއް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންކަން ބަލައި ލިސްޓު މުރާޖައާކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރަނީ ފްލެޓުތަކާއި ގޯތިތައް އަތުލުމަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ނަގާ ވޯޓުގައި ހައިދަރަށް ރުހުން ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.