މާލޭގެ ހެންވޭރުގައި ހުންނަ އުސް އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓުނު ހާދިސާ އާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށާއި ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ ސުވާލުކުރަން ހުށަހަޅައިފިއެވެ.

އެ ދެ ވަޒީރުންނާ ސުވާލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

އެގޮތުން، އިހުސާނާ ކުރުމަށް މީކާއީލް ހުށަހެޅުއްވި ސުވާލަކީ ހުކުރު ދުވަހު އުމުރުން 21 އަހަރުގެ ޒުވާނާ ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ކުށުގެ ވެއްޓާ ގުޅުންހުރި ގޭގެ ނަން ސިއްރުކުރި ސަބަބާއި، މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކުރުމުގައި ފުލުހުން ތަފާތުކުރުމާ ގުޅޭގޮތުންނެވެ.

އައިޝަތު ޝިހާމާ ސުވާލުކުރަނީ، ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ސާމްޕަލް ނަގައި ފޮރެންސިކް ތަހްލީލުކުރުން ލާޒިމް ކަމެއް ކަމުގައިވީ ހިނދު، ހުކުރު ދުވަހު ވެއްޓުނު ޒުވާނާގެ ސާމްޕަލް ނެގުމުގައި ލަސްވާ ސަބަބާ ގުޅޭގޮތުންނެވެ.

ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގައެވެ.

މި ހާދިސާ އާ ގުޅިގެން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް ދައްކާ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ފުލުހުން ބުނީ، އެ ޒުވާނާ ރޭޕްކުރި ކަމަށް މީސްމީޑިއާގައި އޮތް ނަމަވެސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި، އޭނާ ވެއްޓުނީ އަމިއްލަ އަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ހެންވޭރު ފުލުހުންގެ ސްޓޭޝަން ކުރިމަތީގައި ޒުވާނުންތަކެއް ރޭ އިހްތިޖާޖުކޮށްފައި ވެސް ވެއެވެ.