ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބިލު އިސްލާހުކުރީ ހުށަހެޅި މަގްސަދާ ހިލާފަށް ކަމަށް ވިދާޅުވެ، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ސިފަކުރައްވައިފިއެވެ.

މިދިޔަ މޭ މަހު މީކާއީލް ހުށަހެޅުއްވީ ޑުއަލް ޕާސްޕޯޓު ނުވަތަ ދެ ގައުމުގެ ރަށްވެހިކަން އޮންނަ ބޭރު މީހުން ހިމެނޭހެން އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެ އެތެރެވުން މަނާވާ ގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރުމަށެވެ. އެކަމަކު އިމިގްރޭޝަންގެ ބަހަށް ރިއާޔަތްކޮށް ކޮމިޓީން ނިންމީ އޮކްޓޯބަރު 7. 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ބިލު ހުށަހެޅުއްވި މެންބަރު މީކާއީލް ވިދާޅުވީ، ފެނިގެން ދިޔައީ ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީން ބިލު ބޭއްވުމަށް ފަހު، ސަރުކާރަށް ކުރިމަތިވަމުންދާ ޕްރެޝަރަށް ކެތްނުކުރެވިގެން ބިލު ފާސްކުރަން މަސައްކަތްކުރާ މަންޒަރު ކަމަށާއި، ކޮމިޓީން ބިލު އިސްލާހުކުރީ ހުށަހެޅި މަގްސަދާ ހިލާފަށް ކަމަށެވެ.

ކޮމިޓީ މަރުހަލާގައި ބިލު އިސްލާހުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ބިލަށް ގެނައި އިސްލާހު ގޯސް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބިލުން މި ބުނަނީ ކީކޭތޯ؟ މި ކޮމިޓީ ރިޕޯޓުން މި ބުނަނީ ކީކޭތޯ؟ އިޒްރޭލުގެ ރައްޔިތުންނަށް މަރުހަބާއޭ، މަރުހަބާއޭ، އަންނާށޭ އެކަމަކު އަންނަން ވާނީ ތި ބޭފުޅުން ގެންގުޅުއްވާ އަނެއް ޕާސްޕޯޓުގައި ރާއްޖެ އެތެރެވިޔަސް އަޅުގަނޑުމެންނަށް ރަނގަޅޭ،" ބިލަށް ކޮމިޓީން ގެނައި އިސްލާހަށް ފާޑުވިދާޅުވަމުން މީކާއީލް ވިދާޅުވިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އާއި އިޒްރޭލުގެ ގައުމުގެ އިސްވެރިންނަށް ޑުއަލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވެވޭނެ ފަދަ ގޮތަކަށް ބިލު ފާސްކޮށްގެން ނުވާނެ ކަމަށާއި، މިއީ ފަލަސްތީނުގެ ރައްޔިތުންނަށާއި ދިވެހީންނަށް ކުރާ މަލާމާތެއްގެ ގޮތުގައި މީކާއީލް ސިފަކުރެއްވިއެވެ.