ޖަމާލުއްދީން ސްކޫލް (ޖޭއެސް) ގެ އެލުމްނައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމްގެ ވަނަވަރާ ގުޅޭ ގޮތުން ސްކޫލުން ކުރި ޕޯސްޓް ފަހުން ޑިލީޓްކޮށްލީ އޭނާގެ ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ޖޭއެސްގެ 40 ވަނަ އަަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން ދަނީ އިސްދަރިވަރުންގެ ކާމިޔާބީތައް ފާހަގަކޮށް ސޯޝަލް މީޑިއާގައި އެ ކުދިންނާ ގުޅޭ ކުޑަ ބަޔޯގްރަފީއެއް އާންމު ކުރަމުންނެވެ. އެގޮތުގެ މަތިން އިއްޔެ ވަނީ ޖަމާލުއްދީނުން ކިޔެވިއިރު މީކާއިލް ހޯދި ކާމިޔާބީތަކާއި ސިޔާސީ ދާއިރާ އާއި އަދި އެހެނިހެން ގޮތްގޮތުން އޭނާ ހޯދި ބައެއް ކުރިއެރުންތައް އެ ސްކޫލުގެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހިއްސާ ކޮށްފައެވެ.

ނަމަވެސް ޕޯސްޓު ކުރުމަށްފަހު 2 ގަޑިއިރު ފަހުން ޕޯސްޓު ޑިލީޓް ކޮށްލާފައި ވާއިރު މީކާއީލް ވަނީ އެ ޕޯސްޓު ޑިލީޓް ކޮށްލީ އެޑިއުކޭޝަން މިނިސްޓްރީން ޖޭއެސްއަށް ޕްރެޝަރުކޮށްގެން ކަމަށް ބުނެ ނުރުހުން ފާޅުކުރައްވާފައެވެ.

ނަމަވެސް އެ ތުހުމަތުތައް ޖޭއެސްއިން ދޮގުކޮށް ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ، މީކާއިލްގެ ޕޯސްޓު ފޮހެލީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށެވެ. ޕޯސްޓު ޑިލީޓް ކޮށްލި މައިގަނޑު ސަބަބު ހާމަކުރަމުން ޖޭއެސްއިން ބުނީ ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކަށް ވެފައި އެ ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރު [މީކާއިލް] ގެ ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ.

އެފަދަ ކަންކަމަކީ ސްކޫލުން ގަބޫލުރާ އަހުލާގީ މިންގަނޑުން ބޭރު ކަމެއްކަން ސިފަކޮށް އިތުރަށް އެ ބަޔާނުގައި ވަނީ ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ވެސް ސްކޫލަށް ލިބިފައިވާ ކަމަށެވެ. އަދި އެ ޕޯސްޓު ޑިލީޓް ކޮށްފައި ވަނީ އެލުމްނާއީ ޕްރޮފައިލް ކޮމިޓީގެ ވެސް މަޝްވަރާގެ މަތިން ކަމަށް ވެސް އެ ސްކޫލުން ވަނީ ހާމަކޮށްފައެވެ.

"މި ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމުގައި ހާމަކުރަމެވެ،"
ޖަމާލުއްދީން ސްކޫލުން ނެރުނު ބަޔާޏުގައި ވެއެވެ.

މީކާއީލާ ގުޅޭގޮތުން ޖޭއެސްއިން ކުރި ޕޯސްޓުގައިވާ ގޮތުން އޭނާ ވަނީ ޖަމާލުއްދީން ސްކޫލްގައި ސްކައުޓެއްގެ މަގާމާއި ޕްރިފެކްޓެއްގެ އިތުރުން ޑެޕިއުޓީ ހައުސް ކެޕްޓަންގެ މަގާމު ވެސް އަދާކޮށްފައެވެ.

އަދި 2015 ގައި ކެމްބްރިޖް-ކޮމަންވެލްތު ސްކޯލާޝިޕް ހޯދައި ބެޗްލާސް ޑިގްރީ އިން ޕޮލިޓިކްސް، ސައިކޮލޮޖީ އަދި ސޯޝިއޮލޮޖީ ހާސިލް ކުރުމުގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބެތު އިން އިންޓަނޭޝަނަލް ރިލޭޝަންސް ދާއިރާއިން މާސްޓާސް ޑިގްރީ ވެސް މީކާއީލް ވަނީ ހާސިލް ކުރައްވާފައެވެ.

މީކާއިލް އަކީ އިދިކޮޅު އެމްޑީޕީގެ ޔޫތު ވިންގްގެ ރައީސް އެވެ. އޭނާ މަޖިލީސް މެންބަރުކަމަށް ފުރަތަމަ އިންތިހާބުވީ 2019 ވަނަ އަހަރުއެވެ.