ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތްތައް ވަގުތުން ހުއްޓާލަން ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

މީކާއީލް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލީހަށް ހުށަހަޅާފައިވާ ބިލެއްގައި ހިނގާނެ ބަހުސަކާ ގުޅޭ މައުޟޫއުއަކަށް އޮތް މައްސަލައެއް ކަމަށް ވާތީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ހަމަނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި މީކާއީލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމާއި ނުފޫޒު ފޯރުވުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާ ކަމާއި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުގެ ފަރާތުން އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި އިސްލާހަކީ ގާނޫނުއަސާސީ އަށް މަޖިލީހުން މި ފަހުން ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެވޭ އަމަލެއް ކަމަށެވެ.

"ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ ގުޅޭ ހައްސާސް މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ކުރެވޭ މަސައްކަތަކީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ކުރެވޭ އަމަލެއްކަމުގައި ފެނުނު ހިނދު..." މީކާއީލްގެ ކުއްލި މައްސަލައިގައި ވެއެވެ.

އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކޮށްފިނަމަ ގާނޫނުއަސާސީން އެކަށައަޅައި ތިން ބާރު ވަކިވެފައިވާ ނިޒާމު ރޫޅި، ދައުލަތުގެ އެންމެހާ ބާރުތައް ސަރުކާރަށް ފުރޮޅިގެން ދާނެ ކަމަށާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ސަބަބުން އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލިގެންދާ ދުވެލި ލަސްވެ މައްސަލަތައް ދިގުލައިގެން ގޮސް، އިންސާފާ ހަމައަށް ވާސިލްވުމަށް ހުރަސް އެޅިގެން ދާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ.

ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. މީގެ އިތުރުން އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް އޭނާ ހުށަހަޅުއްވާފައިވެއެވެ. އެއީ:

  • ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް ޖޭއެސްސީން ގަބޫލުކޮށް އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން
  • ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ، އަދި މި މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެން