އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ޓެކުމުގެ ޖުމްލަ 39 ދައުވާ އެއް އުފުލައި، މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އަލްހާނާއި އޭނާގެ ދެ ކޮއްކޮ ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ދައުލަތުން 39 ދައުވާ އެއް އުފުލައި، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ.

އެއީ އެ ތިން ބެއިންގެ ކުންފުނި، ކިންގްސް ކެޕިޓަލް ހޯލްޑިން އިން އާންމުކުރި ސްކީމްތަކަށް އިންވެސްޓްކުރި 13 މީހުންގެ ބައިގައި ކޮށްފައިވާ ދައުވާތަކެކެވެ. އެހެންކަމުން އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާ އެއް އުފުލާފައިވެއެވެ.

އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ އެ ތިން ބެއިންގެ ކިންގްސް ކެޕިޓަލް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ހީލަތުން ގިނަ ދިވެހީންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ މައްސަލައިގައެވެ.

ފުލުހުންގެ ތަހްގީގުތަކުން ހާމަވާ ގޮތުގައި، ކިންގްސް ކުންފުނިން 1،684 މީހުން އަތުން ނެގި 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް އަނބުރާ ނުދައްކައެވެ. އޭގެ ތެރެއިން އެކަކަށް 90 ހާސް ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން މިދިޔަ މޭ މަހު ހުކުމް ވެސް ކުރިއެވެ.

މިހާރު ވެސް އަލްހާންގެ ޕޮންޒީ ސްކީމާ ގުޅިގެން ފުލުހުން މައްސަލަ ތަހްގީގުކުރަމުން ދާ ކަން ހާމަކޮށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އެ ބައިތަކުގެ ތަހްގީގު ނިންމައި ހުށަހެޅުމުން، އިތުރު ދައުވާތައް އުފުލުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.