އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލުމަށް ޖުމްލަ 121 މީހަކު އެދިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އިން ހާމަކޮށްފިއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތުގެ މަތިން ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުއިދޭން ފަށާފައި ވަނީ ހުސްވި މެއި މަހުގެ ފަހުކޮޅުއެވެ.

އެއާއެކު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާން، އަހުމަދު ޝަފީއު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން އެދި ޕީޖީ އޮފީހަށް ޖުމްލަ 121 ފޯމެއް ހުށަހަޅާފައި ވެއެވެ.

އެގޮތުގެ މަތިން ފުލުހުންގެ އެސެސްމަންޓު ހެދުމަށްފަހު، އޭގެ ތެރެއިން 20 މީހަކު ބަންދުން ދޫކޮށްނުލުމަށް ނިންމާފައިވާއިރު މިހާތަނަށް ދޫކޮށްލަން ނިންމައިފައި ވަނީ، ޖުމުލަ 9 މީހެއްކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި ހަމަ އެހެންމެ އަދި އެސެސްމަންޓް ނުހަދާ 92 ފޯމް ޕެންޑިންގައި އޮތް ކަމަށް އެ ތަފާސް ހިސާބުތަކުން އެނގެއެވެ.

އަހުމަދު ޝަފީއު އެކްސްގައި ހިއްސާ ކުރެއްވި ތަފާސްހިސާބުތައް

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ލުއި ދެވޭނީ ޓެގު އެޅުވުމުން، އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އެކަނި ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މަރާއި ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއިދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ބުނީ މި މަސައްކަތުގެ ސަބަބުން ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް މީގެ ކުރިން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.