ކޯޓުގެ ހުރުމަތް ކަނޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓު ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައި ކޯޓުން ނިންމުމާ ގުޅިގެން ޕީޖީ އިން އެ މައްސަލަ ރިވިއުކުރުމަށް ހައި ކޯޓު ފަނޑިޔާރުންގެ ޕެނަލަށް ހުށަހަޅައިފިއެވެ.

މި ޖޫރިމަނާ އަކީ ފޭދޫ މެޖިސްޓްރޭޓު ކޯޓުން ބަލަމުން އަންނަ މައްސަލައެއްގައި ހެކި ހާމަކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، އެ މައުލޫމާތުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދިން މައްސަލައިގައި ކޮށްފައިވާ ޖުރިމަނާއެކެވެ.

މި މައްސަލަ ޕީޖީ އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. ހައި ކޯޓުން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހަވާލާދީ ބުނެފައިވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ދަށު ކޯޓަކުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ނިންމުންތައް ކަމަށެވެ.

މި މައްސަލަ ހައި ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން، އެ ނިންމުން ރިވިއު ކޮށްދިނުމަށް އެދި ހައި ކޯޓު ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިރު ޕީޖީ އިން މީގެ ކުރިން ބުނީ އެ މައްސަލާގައި ހާމަކުރަން ކޯޓުން އަމުރުކުރި މައުލޫމާތު ހާމަނުކުރެވުނީ އެ މައުލޫމާތަކީ އެ އޮފީހަށް ލިބިފައިވާ މައުލޫމާތަކަށްނުވާތީ ކަމަށެވެ.