އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ނައިބު ރައީސެއްގެ ހައިސިއްޔަތުން މި އެސެމްބްލީގައި ރާއްޖެއިން އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، މަޖިލީހުގެ ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ މިއަދު އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަނަށް މަގާމުތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި މަޖިލީހުގެ ނައިބު ރައީސުންގެ ގޮތުގައި ޖުމުލަ 21 ގައުމެއް އިންތިހާބުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުން ވަނީ 5 ގައުމެއް އިންތިހާބު ކޮށްފައެވެ. އެއީ:

  • ދިވެހިރާއްޖެ
  • ބަންގްލަދޭޝް
  • ލެބަނާން
  • ސައުދި އަރަބިއްޔާ
  • ޓީމޯ ލެސްޓް

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު މިއީ ރާއްޖެއިން އދ. ގެ މެންބަރު ގައުމެއްގެ ގޮތުގައި އޮންނަތާ 60 އަހަރު ފުރޭ އަހަރެވެ. ރާއްޖެއިން އދ. ގެ މެމްބަރު ގައުމަކަށް ވެފައިވަނީ ސެޕްޓެންބަރު 21، 1965 ގައެވެ.

މީގެއިތުރުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފައެވެ.