އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވިފައި ވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު އޮތް އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އީސަގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ސަލާމުގައި ހުންނެވުމުން އެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

އަސްރާ އޭނާއަށް ލިބިވަޑައިގެންނެވި އަނީޔާގެ ވާހަކަ ހިއްސާ ކުރައްވަމުން ވިދާޅުވީ އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގާ، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

އީސައަށް ކޮށްފައިވާ ގެވެށި އަނިޔާގެ ތުހުމަތަށް އޭނާ އިންކާރު ކުރައްވާފައެވެ. އަދި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުން ދާތީ، ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވުމަށްޓަކާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އީސަ ނިސްބަތްވާ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުރިހާ މަގާމުތަކުންވެސް ވަނީ އެކަހެރި ކޮށްފައެވެ.