އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.

ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

އޭޕްރިލް މަހުގެ ފަހުކޮޅު އެމެރިކާއަށް ފެއްޓެވި ދަތުރުގައި ޝާހިދު ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ގިނަ ގައުމުތަކެއްގެ ހާރިޖީ ވަޒީރުންނާ ހާރިޖީ ޑިޕްލޮމެޓުންނާ ބައްދަލު ކުރައްވާ، ދިވެހިރާއްޖެއާއި އެ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހި ކުރައްވާފައެވެ.

މީގެ އިތުރުން ނިއުޔޯކް ދަތުރުގައި، ޝާހިދު ވަނީ އދގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.

ކުރިއަށް އޮތް އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޝާހިދު އިންތިހާބު ކުރެވުނީވެސް މި ދަތުރުގެ ތެރެއިންނެވެ. އާންމު މަޖިލީހުގެ ރިޔާސަތު ކަށަވަރު ކުރެއްވި ފަހުން އެކަނިވެސް ޝާހިދު ވަނީ 30 އަށް ވުރެ ގިނަ ގައުމުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރައްވާފައެވެ.

އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރެއްވިއިރު، ދުނިޔޭގެ ހުރިހާ ގައުމެއްގެ އެކި ލެވެލްގެ މަންދޫބުންނާ ޝާހިދު ބައްދަލު ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު (ކ) ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މަލިކީއާ ބައްދަލު ކުރައްވަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ޝާހިދު މި މަގާމު ކާމިޔާބު ކުރެއްވުމާއެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޝާހިދަށް މަރުހަބާ ވިދާޅުވެ، ޓްވީޓެއް ކުރައްވާފައެވެ. ރައީސް ސޯލިހުގެ ޓްވީޓްގައި، މިއީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށާ، އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ހުރިހާ ދިވެހިން ފަހުރުވެރިވާ ފަދަ މަސައްކަތްތެއް، ޝާހިދު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.

އދ ގެ އާންމު މަޖިލީހުގެ ރިޔާސަތަކީ ކޮންމެ ދައުރަކަށްވެސް ބަދަލުވާ ރިޔާސަތެކެވެ. މި ފަހަކަށް އައިސް ރިޔާސަތު ބަދަލު ކުރަމުން ދަނީ ގައުމުތައް އެތުރިފައިވާ ޖިއޮގްރަފީއަށް ނިސްބަތް ކޮށެވެ. އދ ގެ 76 ވަނަ އާންމު މަޖިލިސް ފެށުމަށް ތާވަލު ކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އާންމު މަޖިލީހާއެކު އޮންނަ ފުރަތަމަ އާންމު ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 14-30 އަށެވެ.

އދގެ އާންމު މަޖިލީހުގެ ރިޔާސަތު ކަށަވަރު ކުރެއްވި ކަމުގައި ވީ ނަމަވެސް، ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ ޒިންމާވެސް ޝާހިދު އަދާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މިމަހުގެ ކުރީކޮޅު ބުނެފައެވެ.