މިދިޔަ މާޗް މަހު ކޯޓުތަކުގައި 2163 އަޑުއެހުން ތާވަލްކުރިއިރު އޭގެ ތެރެއިން 816 އަޑުއެހުމެއް ކެންސަލް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ކޯޓުތަކުގައި ތާވަލްކުރި 2163 އަޑުއެހުން ތެރެއިން 1347 (62.3 ޕަސަންޓް) އަޑުއެހުން ވަނީ ބާއްވާފައެވެ.

ބޭއްވުނު އަޑުއެހުންތަކާއި ކެންސަލްވި އަޑުއެހުންތައް ބަލާއިރު އެންމެ ގިނައިން އަޑުއެހުން ބޭއްވުނީ އަދި ކެންސަލްވީ ވެސް ކަރިމިނަލް ކޯޓުގެ އަޑުއެހުންތަކެވެ.

މިގޮތުން 506 އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވިއިރު 286 މައްސަލައެއް އެކޯޓުން ވަނީ ކެންސަލް ކޮށްފައެވެ.

މިދިޔަ މަހު ޑްރަގް ކޯޓުން 68 މައްސަލަ ނިންމިއިރު ޑްރަގް ކޯޓު ފިޔަވާ ދެން ހުރި ކޯޓުތަކުން ޖުމްލަ 149 މައްސަލައެއް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މާޗް މަހު ޕީޖީ އޮފީހަށް ދައުވާކުރުމަށް 244 މައްސަލަ ވަނީ ހުށަހަޅާފައެވެ