ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު، ދިރިއުޅުމަށް ބޭނުންވަނީ ކޮން ކަހަލަ ދުނިޔެއެއް ކަން ވަރަށް ސާފުކޮށް އަންގައި ދީފި ކަމަށާ، މި އާ ދުނިޔޭގެ ފިކުރާއި ނިއުކްލިއާ ހަތިޔާރުތައް ފުށޫ އަރާ ކަމަށް، އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ދުނިޔެއިން އެކީ އެކައްޗަށް ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ އަމާޒަށް ވާސިލުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި އދގައި ކުރިއަށް ގެންދިޔަ މަތީ ފަންތީގެ ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުންނެވެ.

މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވީ، އދގެ މެންބަރުން ބޭނުންވަނީ އުއްމީދުގެ މައްޗަށް ބިނާވެގެން އަންނަ ދުނިޔެއެއް ކަމަށެވެ. އެ ދުނިޔެއަކީ އިންސާނިއްޔަތުކަމާއި ގުދުރަތުގެ ފުރިހަމަކަން ގުޅި ލާމެހިފައިވާ ދުނިޔެއަކަށް ވުމަށް އެދޭ ކަމަށާ، ހަމަ އެފަދައިން، ބާރުވެރިކަން ވަޒަން ކުރުމުގެ މީޒާނަކީ، އެއް އަމާޒަކަށް ވާސިލުވުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި އަންނަ އައުން ކަމުގައިވި ދުނިޔެއަކަށް ވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމަ އެހެންމެ، އަދުގެ އަމަލުތަކުގެ ސަބަބުން ސުލްހަ ގާއިމުވެފައިވާ ދުނިޔެއަށް ފޯރުކޮށްދެވުނު ކަމަށްޓަކާ އަންނަން އޮތް ޖީލުތަކުން ފަހްރުވެރިވާ ދުނިޔެއަކަށް އެ ދުނިޔެވުމަށްވެސް މެންބަރު ގައުމުތަކުން އުއްމީދު ކުރާކަމަށް ޝާހިދުގެ ތަގުރީރުގައި ވަނީ އިޝާރާތް ކުރައްވާފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ (ކ)، އެ ގައުމުން ހިންގާ ނިއުކްލިއާ ސައިޓެއް ބައްލަވާލައްވަނީ/ފޮޓޯ: އީޕީއޭ

ގައުމީ ސަލާމަތާއި ރައްކާތެރި ކަމަށްޓަކާ ކަމަށް ބުނެ، ގައުމުތަކަކުން ނިއުކްލިއާ ހަތިޔާރުގައި އިންވެސްޓްކުރި ކަމުގައި ވީ ނަމަވެސް، އެކަމުގެ ނަތީޖާ އަންނަނީ ދިމާ އިދިކޮޅަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 15000 އެއްހާ ނިއުކްލިއާ ހަތިޔާރު ރުކުރުވާލާފައި ވާ ކަމަށާ، އޭގެ ތެރެއިން އެތައް ސަތޭކަ ހަތިޔާރެއް ހުރީ، އިރުޝާދު ދޭތާ ހިނދު ކޮޅެއްގެ ތެރޭގައި ލޯންޗު ކުރެވޭ މިންވަރަށް އެލާޓުގައި ކަންވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ. މިއީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާ، މިއާއެކު މުޅި ދުނިޔެއަށް އޮތް ސަލާމަތްތެރިކަން ކުޑަވެފައި ވާ ކަމަށް ޝާހިދު ވަނީ ސިފަކުރައްވާފައެވެ.

މި މޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ޝާހިދު ވަނީ، ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން މަނާ ކުރުމަށް ބާރު ދޭ ގޮތަށް އެކުލަވާލާފައި މުއާހަދާގައި ސޮއި ނުކޮށް ތިބި މެންބަރު ގައުމުތަކުން، އެ މުއާހަދާ ބަލައިގަތުމަށާ، މުއާހަދާގައި ސޮއިކޮށް، އެހެން ނަމަވެސް، ތަސްދީގު ނުކޮށް ތިބި ގައުމުތަކުން ވީ އެންމެ އަވަހަކަށް އެކަންވެސް ކުރުމަށް ގޮވާލައްވާފައެވެ.

އުއްމީދީ ރިޔާސަތުގެ 5 ދޯދީގައި ހިއްޕަވައިގެން 76 ވަނަ އާންމު މަޖިލީހުގެ އެންމެ އިސް މަގާމަށް ވަޑައިގެންނެވި ޝާހިދު ވަނީ، ނިއުކްލިއާ ހަތިޔާރުން ދުނިޔޭ ތާހިރު ކުރުމަށް، މެންބަރު ގައުމުތަކަށް ވީ އެންމެ އަވަހަކަށް ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އެ ގައުމުތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެންމެންގެ ގުޅިފައިވި ވަރުގަދަ އަޒުމާއެކު، މި އަމާޒު ހާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.