2024 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އަންނަ އަހަރުގެ ބަޖެޓަށް އޮޑިޓް އޮފީހުން ދިން ލަފާގައި ބުނެފައި ވަނީ ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކުން 1،833.1 (1.8 ބިލިއަން) ރުފިޔާ ސަލާމަތް ކުރެވޭނެ ކަމުގެ އަންދާޒާ ކޮށްފައިވާ ކަމަށެވެ. އެގޮތުގެ މަތިން ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ފިޔަވަޅުތައް ތަންފީޒު ނުކުރެވިއްޖެނަމަ ބަޖެޓުގެ ހަރަދު ބޮޑުވެ ފައިނޭންސް ކުރަންޖެހޭ އަދަދު 19 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ ކަމަށް އޮޑިޓާ ޖެނެރަލް ލަފާ ކޮށްފައި ވެއެވެ.
އެހެންކަމުން ފައިނޭންސިންގް ހަރަދާއި ދަރަނީގެ ހިރާސްތައް ކުޑަ ކުރުމަށްޓަކައި ފިސްކަލް ގެޕް (ބަޖެޓް ޑެފިސިޓް) ކުޑަ ކުރުމުގެ އިތުރުން ދައުލަތުގެ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަށް އާމްދަނީގެ ސްޓްރެޓަޖީ އެއް އެކުލަވާލާ އެއާ އެއްގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއި ސަރުކާރުގެ ފިސްކަލް ސްޓްރެޓަޖީއާ ދިމާނުވާ ކަމުގެ ކަންބޮޑުވުން ވެސް އެ އޮފީހުން ވަނީ ފާޅުކޮށްފައެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމަކީ ތަންފީޒުކުރާނެ ގޮތް ރޭވިގެން ޖަވާބުދާރި ކުރެވޭނެ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭ ކަންކަމަށް ހެދުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން އޮޑިޓު އޮފީހުން ފާހަގަކުރީ، އާސަންދައިގެ ހިދުމަތުގެ ކަވަރޭޖަށް ގެންނަން ހުށަހެޅި ބަދަލުތަކެވެ. މި ބަދަލު ގެންނަން ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވީ ނަމަވެސް ބަޖެޓުގައި ހިމަނާފައި ނުވެއެވެ. ވޭތުވެދިޔަ ދެ އަހަރުގައި ވެސް އާސަންދައަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހޭކަން އޮޑިޓް އޮފީހުން ދިން ލަފާގައި ފާހަގަކޮށްފައި ވެއެވެ.
އަދި ހަމައެހެންމެ އާސަންދައިގެ ހަރަދު ކުޑަކުރަން ހުށަހަޅާ ސިޔާސަތުތުގެ ތެރެއިން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޭނުންކުރުން ކުޑަކުރުމަށް (އޯވާ ޔޫސް ކުޑަކުރުމަށް) ހުށަހަޅާ ސިޔާސަތުގެ ތެރެއިން ހަރަދު ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް، އެ ސިޔާސަތުގެ ތަފްސީލެއް ބަޖެޓުގައި ނެތް ކަމަށް ވެއެވެ.
މިއީ އާސަންދަ ހަރަދުން 492.9 މިލިއަން ކުޑަކުރެވޭނެ ކަމެއްގެ ގޮތުގައި ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު، މި ސިޔާސަތު ތަންފީޒު ނުކުރެވިއްޖެ ނަމަ އަނެއްކާ ވެސް ހަރަދުތައް އިތުރުވާނެ ކަމެއް ކަމަށް އޮޑިޓު އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.