ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ގައުމުގެ ތަރައްގީއަށް ކަމެއްކޮށް ދިނުމުގެ ހަގީގީ މަންފާ ހާސިލް ވާނީ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށާއި މި ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާގައި ރައީސް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދައުވަތަކަށެވެ.
ރޭގެ ހަފްލާގެ އެންމެ ހާއްސަ އެއް ނަންބަރަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނެރަލް، ޑރ. ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން ވޯލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ އެވޯޑެއް އެރުވުމެވެ. އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެއްވި މުހިންމު ކަންކަމާއި ދެން ކުރިއަށް ގެންދަވާނެ މުހިންމު މަޝްރޫއުތަކާއި، ސަރުކާރުގެ ސިއްހީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.
އުމްރާނީ ގޮތުންނާއި ފަންނިއްޔާތާއި އިންސާނީ ވަސީލަތުގެ ގޮތުން ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ ހައިރާންވެވަޑައިގަންނަވާ ކަމަކީ ދިވެހި ނަރުހުން ލިބުމުގައި ހުރި ދަތިތަތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިދުމަތަކީ މެދުކެނޑުމެއް ނެތި ދެވެންޖެހޭ ހިދުމަތަކަށް ވާ އިރު، ބިދޭސީ ނަރުހުން ހޯދުމަށް މަޖުބޫރުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ގޮންޖެހުންތަކާއެކުވެސް، ޑަބްލިއުއެޗްއޯ ސެޓްފިކޭޝަން ފެންވަރަށް، ޕޯލިއޯ، މެލޭރިއާ، ލިމްފެޓިކް ފައިލޭރިއާ އަދި މާބަނޑު މީހުންނާއި ނިއޯނޭޓަލް ޓެޓަނަސް ނައްތާލުމާއި މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީއާއި ސިފިލިސް ފެތުރުން ކާމިޔާބުކަމާއެކު ހުއްޓުވުން ފަދަ އާންމު ސިއްހަތުގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ހާސިލުކޮށްފިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ދަތުރު އަދި ނިމުނީ ނޫން ކަމުގައެވެ.
ރައީސް ވިދާޅުވީ ވަރުގަދަ، އިތުބާރުހުރި، ޕްރައިމަރީ، ޕްރިވެންޓިވް އަދި ކިއުރެޓިވް ހެލްތްކެއާއަށް އަދުގެ ސަރުކާރުން ވުނަކުރަމުން ދަނީ ކޮންމެ މީހަކަށްވެސް ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެ މީހަކަށް ބޭނުންވާ ފަރުވާ ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި މި ކަމުގައި ގޮންޖެހުންތައް ގިނަވި ނަމަވެސް އަބަދުވެސް އިސްކުރައްވާނީ ރައްޔިތުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ، ޕްރިވެންޓިވް ހެލްތްކެއާއަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށާއި މީގެ ކުރިން ރާއްޖޭގައި ދުވަހަކުވެސް ހައްލު ނުލިބޭ މިންވަރަށް، ފެންވަރު ރަނގަޅު، އަދި ހެޔޮ އަގުގައި ސިއްހީ ފަރުވާ އެންމެންނަށް ކަށަވަރުކޮށް ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކޮންމެ ނިންމެވުމެއްވެސް ދައްކުވައި ދެނީ އެއް ކަމެއް ކަމަށާއި އެއީ ފައިދާއަށްވުރެ ޕްރިވެންޓިވް ހެލްތްކެއާއަށް އިސްކަން ދޭންޖެހޭ ޖެހުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.