ބަންޑާރަނައިބުގެ އޮފީސް (އޭޖީ) ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމާ ގުޅިގެން ކަމާގުޅޭ އިސްލާހުތައް އެކުލަވާލަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
"ބަންޑާރަ ނައިބު"ގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އިއްޔެއެވެ.
ސަރުކާރުގެ ފަރާތުން، ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. 64 މެންބަރުންގެ ވޯޓާއެކު ފާސްކުރި މި ބިލުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވެފައި ނުވެއެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ބިލަކީ ބަންޑާރަނައިބުގެ މަގާމަށް އައްޔަން ކުރެވޭ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު، ބަންޑާރަނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރަން ހުށަހެޅި ބިލެކެވެ.
އެ ބިލް ތަސްދީގު ކުރުމުން ރޭ ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އާ ގާނޫނަށް އަމަލުކުރަން ފެށުމުން ގާއިމުވެގެންދާނެ ބަންޑާރަނައިބުގެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާތީ، ކަމާގުޅޭ އިސްލާހުތައް އެކުލަވާލައި، އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފެށުމާއެކު ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ގާނޫނަށް ގެނައުމަށް ނިންމާފައިވާ ބައެއް އިސްލާހުތަކުގެ ތެރޭގައި:
- ބަންޑާރަނައިބުގެ އޮފީސް އެކުލެވިގެންވާ ގޮތާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ބަދަލުކުރުމަށް ހުށަހަޅުން
- ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން
- ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތައް ކަނޑައެޅުން
- ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވަ ގޮތުގެމަތިން ކަމުގައި ހަމަޖެއްސުމަށްޓަކައި އެ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ ބައެއް އިސްލާހުތައް ހިމެނެއެވެ.
ގާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަންތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސާވިސްގެ ދަށުންނެވެ. ނަމަވެސް މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ބަޔާން ކުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ.
ބަންޑާރަނައިބުގެ ގާނޫނު އިއްޔެ ވުޖޫދުވެފައިވީނަމަވެސް، މި ގާނޫނަށް އަމަލުކުރަން ފަށާނީ، އިއްޔެއިން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.