ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ދެއްވާ ހާއްސަ އެވޯޑު އެމަނިކުފާނަށް އަރުވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް އިއުލާން ކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑާޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތައާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާރީފުކުރައްވާ ރައީސްގެ އިސްނެންގެވުމުގެ ދަށުން ތަންފީޒުކުރައްވާ ސިޔާސަތުތަކާއި ގެންނަވާފައި ހުރި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސް ތަސްދީގުކުރައްވާފައިވުމުން ދިވެހި ރާއްޖެއަށް އެ ރޮނގުން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ގާނޫނީ އުމުރުފުރާ 21 އަހަރަށް އިތުރުކުރެއްވުމާއި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސާކުރުން މަނާކުރުން ވެސް އެ ޖަމުއިއްޔާއިން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ހިމެނެއެވެ.
މީގެ އިތުރުންވެސް ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާސިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައި ވެސް ވަނީކ ގާއިމުކޮށްފައެވެ.
ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވާ ގޮތުގައި މި މަސައްކަތްތަކަކީ ހަމައެކަނި ދިވެހި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއް ނޫނެވެ. މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ އެހެން ގައުމުތަކަށް ވެސް ވަރަށް ހަރުދަނާ ނަމޫނާއެކެވެ.
މި ރޮނގުން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމުއިއްޔާއިން ސިފަކޮށްފައި ވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްގެ ގޮތުގައެވެ.