އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އާސަންދަ މެދުވެރިކޮށް އައިނު ހެއްދުމަށް ދޭ އެހީ 2000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑ. މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އާސަންދައިގެ ތެރެއިން ވަމުންދިޔަ އިސްރާފު ކުޑަކޮށް އާސަންދައިގެ ދަށުން އައިނު ހެއްދުމަށް އޮތް ލިމިޓް އިތުރުކުރައްވަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން އާސަންދައިން އައިނު ހެއްދުމަށް ކަވަރު ކުރަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު 1000 ރުފިޔާއެވެ. ރައީސް މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިންގައި މި 1000 ރުފިޔާގެ ލިމިޓް އިތުރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބަދަލު ގެނައުމަށް ހަދަންޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި މިއަދު އެމަނިކުފާނު ވާނީ ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުއްވާފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން އަންނަ މަހުން ފެށިގެން އައިނުް ހެއްދުމަށް އާސަންދައިން ކަވަރު ކުރާ 1000 ރުފިޔާގެ ބަދަލުގައި 2000 ރުފިޔާ ހަރަދުކުރަން ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އާސަންދައިގެ ތެރެއިން ވާ އިސްރާފު ކުޑަ ކުރުމަށް ފެށި މަސައްކަތައް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރިން ބޭސް ލިބުމުގައި ހުރި ދަތިތައް މިހާރު ނައްތާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ހުރިހާ ފާމަސީއަކުން ވެސް އަސާސީ ބޭސް ލިސްޓާއި، ހާއްސަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ލިބެން ހުންނާނެ ކަމަށް ރައިސް ވިދާޅުވިއެވެ.