މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް ތަންފީޒުކުރާ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވަނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ. ރައީސް މިފަދައިން ހަމަޖެއްސެވުމާ ގުޅިގެން މިހާރު ވަނީ މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭ މަސައްކަތްތައް މިއަދުން ފެށިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވާފައެވެ.
މިގޮތުން މޯލްޑިވްސް ނޭޝަނަލް ސާވިސްއާގުޅޭ ގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސާވިސްއަށް މީހުން އެންރޯލްކުރުމާ ގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކުރުމާއި، ނޭޝަނަލް ސާވިސްއަށް އެންރޯލްކުރެވޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސާވިސްގެ މެންބަރުންނާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުމެވެ.
އަދި މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ނިޒާމު އެކަށައަޅައި، އެ ނިޒާމު ތަންފީޒުކުރުމާއި، މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ނިޒާމުގެ ދަށުން ހިންގާ ތަމްރީނުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ ނިޒާމު ތަރައްގީކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުންވެސް މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުންވެސް، ޖުމްލަ 10 ކަމެއް ހިމެނޭހެން މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުެި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައި ވަނީ ބަޔާންކޮށްފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްވެސް މެއެވެ.