މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމި ނިންމުމާ އެގޮތަށް ގުރުއަތުލުން މާދަމާ 2:30 ގައި އުސްފަސްގަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ އޮގަސްޓް 24، 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް މި ސަރުކާރުން ވަނީ އޮކްޓޯބަރު 27، 2024 ގައި އާ ޕްލޭނެއް އެކުލަވާލާފައެވެ. އެ ޕްލޭނާ އެއްގޮތަށް ވަނީ އިތުރަށް ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ވެސް ނަގާފައެވެ. އެއާއެކު ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައި ވެއެވެ.

24 އޮގަސްޓްގައި އިއުލާން ކުރި ލޭންޑް ޔުސް ޕްލޭނާ އެއްގޮތަށް ގުޅިފަޅުން ރަޖިސްޓްރީ ދީފައިވާ އިރު، ހިއްކާފައި ނުވާ ސަރަހައްދުތަކަކުން ވެސް ވަނީ ގޯތި ދޫކޮށްފައެވެ. އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހު ސަރުކާރުން ވަނީ ގުޅިފަޅުން ދޭން ކަނޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެސްފައެވެ.

ހައުސިން މިނިސްޓްރީން މިއަދު އާންމު ކުރި ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން

މިއަދު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މި މަހުގެ 15 ގައި ގެޒެޓު ކުރި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް ހުށަހެޅި ހިޔާލުތަކަށް ރިއާޔަތް ކޮށް، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ތަމްސީލު ކުރާ ޔޫނިއަންއާ މަޝްވަރާ ކުރުމަށްފަހު ލޭންޑް ޔޫސް ޕްލޭން އަލުން ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ޕްލޭނާ އެއްގޮތަށް ގުރުއަތު ނެގުން މާދަމާ 2:30 ގައި އުސްފަސްގަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމާ ގުލޭ މައުލޫމާތު މިރޭ ހިއްސާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަހުގެ 15 ގައި އާނަމު ކުރި ލޭންޑް ޔޫސް ޕްލޭގައި ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ބަދަލުކޮށްފައި ވީ ނަމަވެސް މިހާރުގެ ލޭންޑް ޔޫސް ޕްލޭންގައި އެ ސަރަހައްދު މިހާރު ދައްކަނީ މުސްތަގްބަލުގައި ތަރައްގީ ކުރާނެ ތަނެއްގެ ގޮތުގައި ރިޒާވްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައެވެ.

އެ ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވާ އިރު، އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ހިމެނެއެވެ. ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް އެ ޕްލޭންގައި ހިމެނެއެވެ. އަދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެއެވެ.