ތިލަމާލެ ބްރިޖްގެ މަސައްކަތައް ބޭނުންކުރާ ތިން ޗެނަލުން ދަތުރު ނުކުރަން އަނެއްކާވެސް ފުލުހުން އެދިއްޖެއެވެ.
އެ އިދާރާއިން ނެރުނު އެންގުމެއްގައި ބުނީ، ގްރޭޓާ މާލެ ކަނެކްޓިވިޓީ މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތް މާލެ އާއި ތިލަފުއްޓާ ދެމެދުގައިވާ ތިން ޗެނަލްގައި ކުރިއަށްދާއިރު އެ ޗެނަލްތައް އާންމު ދަތުރުފަތުރަށް ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އެކަމަކު ފަހަކަށް އައިސް އެ ޗެނަލްތައް އާންމު ދަތުރުފަތުރުތަކަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެއީ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމަކަށްވުމާއެކު އެ މަޝްރޫއުގެ މަސައްކަތް ނިމި އެ ސަރަހައްދު ބޭނުންކުރުމަށް ރަސްމީކޮށް ހުޅުވައިލެވެންދެން އާންމު ދަތުރުފަތުރު ކުރުމަށް އެ ތިން ޗެނަލް ބޭނުން ނުކުރުމަށް ފުލުހުން އެދިފައި ވެއެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ފުލުހުންނާއި ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެ ޗެނެލްތަކުން ދަތުރު ނުކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.
ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު 50 ޕަސަންޓް މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު، ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައިފޭބުމަށްޓަކައި އިންޓާޗޭންޖް ޕޮއިންޓްތަކާއި ޕާކިންގް ސަރަހައްދުތައް ވެސް ހަދާނެއެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.