އިންޑިއާގެ އުއްތަރްކާންދުގައި ހަދަމުން ދިޔަ ބިމުއަޑީގެ ހައިވޭއެއްގެ ޓަނަލެއްގެ ބައެއް ވެއްޓި 40 މީހަކު ތާށިވިތާ ހަފްތާއެއް ވީ އިރުވެސް އަދި ނެރޭވެ ގޮތެއް ނުވެއެވެ.
ޑޮކްޓަރުންނާ ހަވާލާދީ ހަބަރުތަކުން ބުނާގޮތުން އެތެރޭގައި ތާށިވެފައި ތިބި މީހުންނަށް ބޭނުންވާ އޮކްސިޖަން އާއި ޕެކެޓް ކޮށްފައި ކާއެއްޗެހި ހޮޅިއަކުން ފޯރުކޮށް ދެވުނު ނަމަވެސް ބައެއް މީހުން ހޮޑުލައި ބޯ އަނބުރާ, އަދި ތަފާތު އެކިއެކި ބަލިތަކަށް ދަނީ ހުށަހެޅެމުންނެވެ.
ތާށިވި މީހުން ނެރުމަށްޓަކައި, ބިން ތޮރުފާ އެޑްވާންސް މެޝިނަރީ ގަނެގެން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދާ އިރު, މިހާރު އޮފިޝަލުން މަސައްކަތް ކުރަމުން ދަނީ މީހުން ތާށިވެފައި ތިބި ޓަނަލުގެ ދެފަރާތުން އިތުރު ޓަނަލެއް ތޮރުފައިގެން އެމީހުންނާ ހަމައަށް ވާސިލުވުމަށެވެ.
ނަމަވެސް ބަންދުވެފައި ގިނަ ދުވަހު އެމީހުން ތިބެން ޖެހިއްޖެ ނަމަ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުވަމުން ދާނެ ކަމަށާއި އެހެން ކަމުން ސްޕީޑް އަވަސްކޮށް އެމަސައްކަތް ކުރެވޭތޯ ބަލަމުން ދާކަމަށް ވެސް ބުނެއެވެ.
ޓަނަލް ހަދަމުން ދަނީ ފަރުބަދަތަކެއް ތޮރުފައިގެން ކަމަށް ވާއިރު, ތޮރުފުމުގެ ތެރޭގައި އިތުރު ބައިތަކެއް ވެއްޓި ނުވަތަ ވެލިގަނޑު ފައިބައިގަތުމުގެ ބިރުވެސް އެބައޮތް ކަމަށް ބުނެއެވެ.
މި މީހުން ސަލާމަތް ކުރުމަށްޓަކައި މީގެ ކުރިން ތައިލޭންޑްގެ ހޮހޮޅައެއްގައި ތާށިވި އެގައުމުގެ ޒުވާން ފުޓުބޯޅަ ޓީމު ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ނޯވޭގެ ޓީމާއި ތައިލޭންޑްގެ ޓީމާވެސް މިހާރު ގުޅާފައި ވާ ކަމަށާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ނޯވޭ ކުންފުނީގެ އިންޑިއާ ޕާޓުނަރުން މިހާރު ސީންގައި ހަރަކާތްތެރިވަމުން ދާކަމަށް ވަނީ ބުނެފައެވެ. އެ ޓީމަކީ ނޯވޭގެ ފަރާތުން އިންޑިއާގައި ތަރައްގީ ކުރާ ރެއިލްވޭ އެއްގައި މަސައްކަތް ކުރާ ތަޖުރިބާކާރު ޓީމެކެވެ.
އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން އެޓީމުގެ އެހީތެރިކަމާއެކު މިހާރު ވަނީ 82 ފޫޓު ތޮރުފާލެވިފައެވެ. ނަމަވެސް އެއީ ތާށިވެފައި ތިބި މީހުންނާ ހަމައަށް ވާސިލުވުމަށް އަދި އެހާކަންހާވަރު ފުނަށް ތޮރުފަން ޖެހޭ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޓަނަލްތަކާއި ފުން ވަޅުތަކަށް މީހުން ވެއްޓި ތާށިވެ މަރުވުގެ ގިނަ ހާދިސާތައް އިންޑިއާގައި ހިނގަމުން ދާ އިރު މިއީ މިފަދަ ހާދިސާއެއްގައި މިހާގިނަ ބަޔަކު ތާށިގެ ގިނަ ދުވަސްތަކެއް ވަމުން ދާ ހާދިސާއެކެވެ.