މިރޭ ހުޅުމާޅޭގައި ހިނގި ކާރަކާއި ތިން ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާވެފައިވާ އިރު 2 މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:42 ގައި ކަމަށާއި އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކް ކައިރީގައެވެ.

ކާރަކާއި ތިން ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ބުނެއެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ ފިރިހެނުންނަށާއި ދެ އަންހެނުންނަށެވެ. މީގެ ތެރެއިން އަންހެނަކާ ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާ ދީ ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.