ރ. ފައިނުގައި ރޭ ހިނގައި ދިޔަ އެކްސިޑެންޓުގައި އަނިޔާވި 3 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އައިޖީއެމްއެޗް މީޑިއާ އޮފިޝަލް "ދަ ޕްރެސް"އަށް ވިދާޅުވީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ 49 ފިރިހެނަކާއި 16 އަހަރުގެ އަދި 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

49 އަހަރުގެ މީހައަށް އަދި 14 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އަދި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަސްރަތަށް ދުވަން ގޮސް އުޅުނު 2 މީހެއްގެ ގައިގައި ސައިކަލުން ޖެހި ހިނގި މި އެކްސިޑެންޓުގައި 4 މީހަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭގެ ތެރެއިން 3 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ މިއަދުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.