ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަކި ކުރި ޔޫސުފް މާނިއު މުހައްމަދު އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
މާނިއުއަށް ޑރ. މުއިއްޒު ފަތްކޮޅު އަރުއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް މާނިއު އައްޔަނު ކުރެއްވުމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ކުރިމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، މާނިއު ކުރެއްވިއެވެ. މި މަގާމަށް އޭނާ އައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އެންއައިސީގެ ރައީސް ކަމަށާއި މެންބަރުކަމަށް މާނިއު އައްޔަނު ކުރެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ރައީސް ޔާމީން ވަނީ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުންނާއި މެންބަރުންކަމުގެ މަގާމުން މާނިއު ވަކި ކުރައްވާފައެވެ. އެގޮތުން އޭނާ ވަކިކޮށްފައި ވަނީ އޭރު އެންއައިސީން ކުރިއަށް ގެންދިޔަ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށެވެ.
އަދި އެ މައްސަލަ މާނިއުގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅުއްވިއެވެ. މާނިއު ހުށައެޅުއްވި މައްސަލައިގައި ވަނީ އެންއައިސީގެ ގާނޫނުގެ ދަށުން ލާޒިމު ކުރާ އެއްވެސް ސިފައެއް އޭނާގެ ކިބައިން އުނިވެފައި ނުވާ ކަަމަށާއި، އޭނާ ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް އެ މައްސަލަ ބަލައި ނިމުނު އިރު ސިވިލް ކޯޓުން ނިންމީ މާނިއު ވަކިކޮށްފައި ވަނީ، ގާނޫނާ ހިލާފަށް ކަމަށް ނިންމޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށެވެ.
އެއަށްފަހު މާނިއު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލައްވާފައެވެ. ކޮމިޓީ މަރުހަލާއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނު 4 މީހުންގެ ތެރޭގައި މާނިއު ހިމެނުނު އިރު، އޭނާ ވަނީ ފަހުން ނަން އަބުރާ ގެންދަވާފައެވެ.
މާނިއުގެ އިތުރުން ވެސް މިއަދުގެ އެ ރަސްމިއްޔާތުގައި މުއިއްޒު ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގެ އަބްދުﷲ ނާޒިމް އިބްރާހީމް މިނިސްޓަރު ފެންވަރުގައި ވަނީ އައްޔަނު ކުރައްވާފައެވެ.
ހަމައެއާއެކު މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމަށް މުހައްމަދު ފަހުމީ ހަސަން، މިނިސްޓަރ އޮފް ސްޓޭޓް ފޮ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއަށް އިބްރާހީމް އާމިރު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަަކަށް ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަށް ހަސަން ޒަރީރު ވަނީ އައްޔަން ކުރައްވާފައެވެ.
ގައުމު ދަރައިގެން އުޅޭބައެވައްތަރު ނުޖަހާ