އަނެއްކާވެސް ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ، މިރޭ ވައިގެމަގުން އެތެރެކޮށްފައިވާ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މެތަމްފެޓަމައިން (Methamphetamine) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އަދި މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 3.6 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 7.2 މިލިއަން ދިވެހި ރުފިޔާ އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ހުސްވި އޭޕްރީލް މަހުގެ 27 ވަނަ ދުވަހުވެސް ކުރިއަރު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން ކޮކެއިނަަށް ޕޮޒިޓިވްވިއިރު އެތަކެތީގެ ބަރުދަނުގައި ޖުމްލަ 1020 ގްރާމް ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަަށް ކަސްޓަމްސްއިން އޭރު މައުލޫމާތު ދީފައި ވެއެވެ.
ކަނޑާއި ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް މީގެ ކުރިން ވެސް އެކި ބާވަތަކުގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އެގޮތުން މިދިޔަ މާޗް މަހުވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ ކެނެބިސް ކަސްޓަމްސްއިން އަތުލައިގެނެފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 856،000 ލައްކަ ރުފިޔާއަށް އަރާނެ ކަމަށް އޭރު ކަސްޓަމްސްއިން ބުނެފައި ވެއެވެ.