ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައި އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިތަކެތި އަތުލައިގަތީ އެސާވިސްއަށް ލިބުނު އިންޓަލިޖެންސް މައުލުމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތެރޭގައިކަމަށެވެ. މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިޔަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިންވަނީ ބުނެފައެވެ. މީގެ އިތުރުން ކަސްޓަމްސް އިން ބުނީ 33 ޕެކެޓެގައިހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި އޮޕަރޭޝަނާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމައަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވާފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު އަރާހަމަކުރަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.