ބެންގަލޫރު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެއްޗާއި ހަވާލުވާން އުޅުނިކޮށް ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ފުލުހުންގެ ތަހުގީގުން ހާމަވިގޮތުގައި މުދާ ކްލިއާ ކުރަން ދިޔަ ފަރާތާއި މަސްތުވާތަކެތި އެތެރެ ކުރި މީހުންނާއި ގުޅުމެއް ނެތްކަމަށެވެ. އެހެންކަމުން އުމުރުން 35 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ މީހާ ދޫކޮށްލީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު 18 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފައިވަނީ އެ ސާވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ގަސް ޕޮޓުތަކެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އަދި މި އޮޕަރޭޝަންގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސް އިން ވަނީ ވަނީ ބުނެފައެވެ.

މީގެއިތުރުން ކަސްޓަމްސް އިން ވަނީ 33 ޕެކެޓެއްގައި ހުރި މިތަކެތި ފުރަތަމަ ތަހުގީގުގެ މަރުހަލާއިން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އޮޕަރޭޝަނާއި ގުޅިގެން ހޯމް މިނިސްޓަރު އިހުސާން ވަނީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ކަސްޓަމްސް އިން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.