މައްސަލަ ބެލުމުގައި ފަރުވާ ކުޑަ ކުރިކަން ސާބިތުވެ ހދ. ޖުޑީޝަރީ ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި އަލީ އާދަމްގެ މަގާމު މެޖިސްޓްރޭޓަށް ދަށްކޮށްފިއެވެ.

އަލީ އާދަމްގެ މަގާމު ދަށް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބޭއްވި 76 ވަނަ ޖަލްސާގައެވެ.

ޖޭއެސްސީ އިން ބުނީ އަލީ އާދަމްގެ މަގާމު ދަށްކޮށްފައި ވަނީ ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މައުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ ކަމަށެވެ. އަދި މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ، ޖޭއެސްސީއިން ފިޔަވަޅު އަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކަމަށެވެ.

ޖޭއެސްސީއިން ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މިއަދުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް ބަދަލުކޮށްފައެވެ.

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަހްގީގުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން ޖޭއެސްސީއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައެވެ. އެއީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުގެ އިތުރުން މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވަމުންދާތީ މީގެ ކުރިން ވެސް ޖޭއެސްސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހަދާފައިވާކަމުގެ މައްސަލައެއް ޖޭއެސްސީއިން ބަލާފައިވާ އިރު، ލިބިފައިވާ ހެކިތަކުންނާއި އަލީ އާދަމްގެގެ އިއުތިރާފުން ވަނީ ސާބިތުވެފައެވެ.