ރާއްޖޭގެ 4 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށް، މަގާމުގެ ހުވައިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި، އަލަށް އައްޔަނުކުރެވުނު ފަނޑިޔާރުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޒީ މަރްޔަމް ވަހީދުއެވެ. ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔާ އެއްގޮތަށް މި މަގާމުތަކަށް އައްޔަނު ކުރައްވާފައިވަނީ ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންނެވެ.

https://www.facebook.com/share/p/1QSQz4udLJ/?mibextid=wwXIfr

އެގޮތުން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކޮށްފައިވަނީ ފަތުހުﷲ އަލީ އެވެ. އޭނާ އަކީ ގާނޫނީ ވަކީލެއްގެ ގޮތުން 7 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މާޅޮސްމަޑުލު ދެކުނުބުރީ ގައިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރެއްވި ދިޔާނާ މަޖީދު ވަނީ ޝަރުއީ ދާއިރާގައި 9 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ.

މީގެ އިތުރުން މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރެއްވި ހުސައިން ރަމީޒްވަނީ ޝަރުޢީ ދާއިރާގައި 5 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ. އަދި މަރްޔަމް އާސިރާ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރައްވާފައިވާއިރު އޭނާ ވަނީ ޝަރުއީ ދާއިރާގައި 13 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.