ޖިނާއީ އަމަލެއް ކުރި ކަމަށް ބަލާނެ ހެއްކެއް ނެތުމުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ.
މަހާޒުގެ މައްޗަށް ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތެވެ.
އެ މައްސަލައާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ޕީޖީ އޮފީހުން ބުނީ، މަހާޒުގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް ފޮނުވި މައްސަލަ ދިރާސާ ކުރިއިރު، ޖިނާއީ ކުށުގެ އަމަލެއް އެ މައްސަލައިގައި ހިންގާފައިވާ ކަމަށް ބެލެވެން ނެތުމުން ދައުވާ ނުކުރަން ނިންމާފައެވެ.
މަހާޒުގެ މައްސަލަ ފައިލްކުރިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ކުރި ތުހުމަތުތައް ވެސް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ފުލުހުން ވަނީ ނިންމާފައެވެ.
މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ތުހުމަތުކޮށް ފެށި މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ފެބްރުވަރީ 27 2025 ގައި އޭސީސީން ވަނީ އެ ތިން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގައިފައެވެ. އެއާއެކު ޖޭއެސްސީން ވަގުތުން އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރިއެވެ.
ސަސްޕެންޝަނާ ގުޅިގެން މާޗް 6، 2025 ގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ. އަދި މޭ 14، 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ޑރ. އަޒްމިރާލްދާއާއި ފަނޑިޔާރު މަހާޒު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައެވެ.
