ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުމާ ގުޅިގެންނެވެ.
އެއާއެކު އެ މަގާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، އެ މަގާމަށް ސަމީރު އައްޔަންކުރަން ފެންނަކަމަށް ނިންމައި ރައީސަށް މިހާރު ވަނީ އެ ލަފާ ފޮނުވާފައެވެ.
ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރާނީ ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އެ މަޖިލީހުން ފާސްކުރުމުން ހަތް ދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް އެ ނަން އަދި މަޖިލީހަކަށް ނުފޮނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސަމީރު ވަނީ މަދަނީ ކޯޓުގެ އިސްގާޒީކަމާއި، މާޗު 2011 އިން މެއި 2022 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެފަހުން 12 މެއި 2022 ގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެވުމަށްފަހު، އެ މަގާމުން ވަކިވެވަޑައިގަތީ 28 އޮކްޓޯބަރު 2024 ގައެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމުން އޭނާ އިސްތިއުފާ ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސަރުކާރުން ދިން ފްލެޓަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށެވެ.
މިއީ ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗަށް މި ރިޔާސީ ދައުރުގައި ގެންނަ ފަސްވަނަ ބަދަލެވެ.
މީގެކުރިން ސިޔާސީ ޕާޓީއަށް މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ ބަދަލުގައި ހުސައިން ޝަހީދު، އަދި މަގާމުން ވަކިކުރި މަހާޒު އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރުގެ ބަދަލުގައި މުހައްމަދު ސަލީމާއި އަބްދުﷲ ހަމީދު ވަނީ އައްޔަންކުރައްވާފައެވެ. މީގެއިތުރުން ރިޓަޔާކުރެއްވި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ ބަދަލުގައި އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވީ އަބްދުލްގަނީ މުހައްމަދެވެ.
ސުޕްރީމް ކޯޓުން ރިޓަޔާކުރައްވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެ މަގާމަށް އައްޔަންކުރެއްވީ ސެޕްޓެމްބަރު 2020 ގައެވެ. އޭގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓުގެ އިސްގާޒީކަމުގެ އިތުރުން ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައެވެ. ކްރިމިނަލް ކޯޓުގައި ހުންނެވިއިރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގައި 2019 ވަނަ އަހަރު ހުކުމް އިއްވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އަލީ ރަޝީދެވެ. އޭނާ ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމުން ޖޭއެސްސީން ވަނީ އެކަން ބަލައިގެންފައެވެ.
