ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ޝަރަފުވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފަނޑިޔާރު އަލީ ރަޝީދު ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން ފަނޑިޔާރު އަލީ ރަޝީދު މަގާމުން ރިޓަޔާކުރެއްވުމަށް އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ރިޓަޔަާމަންޓް ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ވެއެވެ. ޖޭއެސްސީން އިތުރަށް ބުނި ގޮތުގައި އެ ހުށަހެޅުއްވުމާ ގުޅިގެން ރިޓަޔާމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ އެންމެހައި ކަންކަން ބެލުމަށްފަހު، އެދިވަޑައިގެންނެވި ފަދައިން ޝަރަފުވެރިކަމާއެކު ރިޓަޔާކޮށްދެއްވުމަށް ކޮމިޝަނުން ފާސްކުރީ މިދިޔަ މަހު 28ގައި ބޭއްވި ޖަލްސާގައި ކަމަށްވެއެވެ.
ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވާތީ އެ މަގާމަށް ބޭފުޅަކު ހޮވުމުގެ މަސައްކަތުގައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކޮމިޝަނުން ފަށާފައިވާ ކަމަށް ޖޭއެސްސީން ވަނީ މައުލޫމާތު ދީފައެވެ.
އަލީ ރަޝީދު ވަނީ ޝަރީއަތާއި ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައެވެ. އެގޮތުން 2002 ވަނަ އަހަރު މިސުރުގެ އަލްއަޒުހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ޝަރީއާ ފުރިހަމަ ކުރައްވާފައި ވެއެވެ. އަލީ ރަޝީދު ހުސައިން އަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.
