ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، މަގާމުން ވަކިކުރި މައްސަލާގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ޖިނާއީ އަމަލެއް ހިންގާފައިވާ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް ނިންމައި، އެ މައްސަލަ ޕީޖީ އޮފީހުން ފައިލްކުރުމާ ގުޅިގެންނެވެ.

މި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން، ފަނޑިޔާރުންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގައި ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުން މަސައްކަތް ނުކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޒިންމާ ނަގައި ޖަވާބުދާރީވާން ޖެހޭ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޖިނާއީ ކުށެއް ނެތި ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވާ މައްސަލައިގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށާއި، މި ގަރާރުގެ ބޭނުމަކީ މި މައްސަލައިގައި މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުން ކަމަށް މެންބަރު ވިދާޅުވިއެވެ.

މަހާޒާއި އަޒްމިރަލްދާ ގެ އިތުރުން ހުސްނުއްސުއޫދު ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ މަގާމުގެ ނާޖައިޒު ބޭނުންކުރި ކަމުގެ ތުހުމަތުގައެވެ. އެ ތުހުމަތުތަކާ އެކު، ސުއޫދު އިސްތިއުފާ ދެއްވިއިރު މަހާޒާއި އަޒްމިރަލްދާ ވަނީ މަގާމުން ވަކިކޮށްފައެވެ.