އާ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ކޯޓާ ހައްޖުކޯޕަރޭޝަނަށް ދިނުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހއްޖަށް ގެންދިއުމަށް ކޯޓާ އަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލަ އަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށާއި އާ ސަރުކާރުން އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާމެދު މިހާރުވެސް މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

އޭގެތެރެއިން ގެންގުޅުއްވާ އެއް ވިސްނުމަކީ، އެ މަސައްކަތް އަމިއްލަ ކުންފުނިތަކަށް ދޫކުރުމުގެ ބަދަލުގައި، ހައްޖު ކޯޕަރޭޝަންގެ ދަށަށް މުޅިން ބަދަލުކުރެއްވުން ކަމަށާއި އޭރުން ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ، ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައޫދީ އަރަބިއްޔާގެ ވަފުދާ ވެސް ހިއްސާކުރެވި، މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1000 ކޯޓާ ލިބުނުއިރު އަންނަ އަހަރު ރާއްޖެ 2،000 ހައްޖު ކޯޓާ ހޯދަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.