ހައްޖުގެ އަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ މެހެމާންދާރީއަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާއިން ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ހަމަޖައްސައިދީފައިވާ 1000 ކޯޓާގެ ތެރެއިން ކަމަށް ބުނެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ ކުރީގައި ރާއްޖޭގައި ވެރިކަންކޮށްފައިވާ ވެރިންވެސް ހާއްސަ ފުރުސަތުތަކުގައި ހައްޖަށް ވަޑައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ކޯޓާގެ ތެރެއިން ފުރުސަތުތަކެއް ނޫން ކަމަށާއި އަދި އެއީ ހައްޖަށް ދިއުމަށް ދީފައިވާ 1000 ކޯޓާގެ ބޭރުން ލިބޭ ދައުވަތެއް ކަމަށެވެ.

ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ޖެހޭ ކަމެއް ނޫން. ސަރުކާރުން (ފްލައިޓެއް) ޗާޓާއެއް ވެސް ނުކުރޭ، ހިލޭ ރޯޔަލް ކޯޓުން (އިންތިޒާމުތައް) ހަމަޖައްސައިދީފައި ވަނީ
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އެ ފުރުސަތު އެމަނިކުފާނަށް ދެއްވާފައިވާއިރު އިންތިޒާމުވެސް ހަމަޖައްސައިދެއްވާފައިވަނީ ވަރަށް ހާއްސަ ގޮތަކަށް ކަމަށެވެ. އެގޮތުން ވަކި ފްލައިޓެއް ހަމަޖައްސައިދީފައިވާއިރު އެކަންކަމަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހި ހައްޖާޖީންނަށް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ހައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަމާއި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ގާތްގަނޑަކަށް 2 ގަޑިއިރު ތެރޭގައި ކަމަށެވެ.