މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި އެ ކުންފުނީގެ ނަމުގައި އާންމު ރައްޔިތުންނަށް މެސެޖުތަކެއް ފޮނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން، ލިންކު ފޮނުވައިގެން ފައިސާ ދެއްކުމަށް އެދި ހައްޖު ކޯޕަރޭޝަނުން މެސެޖު ނުކުރާނެ ކަމަށާއި އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖުކޮށްގެން އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ނޭދޭނެ ކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ، ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފައިސާ ދައްކަން އަންގާނީ އެ ކުންފުނީގެ ނަމުގައި ހަދާފައިވާ ރަސްމީ އެކައުންޓުތަކަށް ކަމަށެވެ.

އެހެންކަމުން އޮޅުވާލައިގެން ފައިސާ ހޯދުމަށް ފޮނުވާ ލިންކުތަކަށް ސަމާލުވުމަށް އެދިފައިވެއެވެ. އަދި އެފަދަ ލިންކެއް ލިބުނު ނަމަވެސް، ލިންކަށް ނުފިތުމަށް އަދި އެފަދަ މެސެޖެއް ނުވަތަ ކޯލެއް ލިބިއްޖެނަމަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެކި ކުންފުނިތަކާއި އެކު އިދާރާތަކުގެ ނަމުގައި ހިންގާ ތަފާތު ސްކޭމްތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އަދި މިފަދައިން ހުށަހެޅޭ މައްސަލަތައް ވެސް އިތުރު ވަމުންދާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައި ވެއެވެ. އަދި ހަމަ އެހެންމެ ސްކޭމްގެ ސަބަބުން އެކި މީސް މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގަމުންދާ މައްސަލަތައް ބެލުމަށް ފުލުހުން ދަނީ ސްކޭމް ސެންޓަރެއް ގާއިމްކޮށް އާންމުންނަށް އެ ހިދުމަތް ފޯރުކޮށްދެމުންނެވެ.