ހުޅުމާލޭ މަގުމަތީގެ ޕޭވްމަންޓްމަތީގައި ބަހައްޓާފައިހުރި ގޮނޑި އާއި މޭޒުނަގަން އާބަންކޯ އިން އަންގައިފިއެވެ.

އާބަންކޯއިން ބުނީ، ހުޅުމާލެ އެކި ސަރަހައްދުތަކުގެ ޕޭމަންޓް އަދި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޖޫގޯ ޕޮއިންޓްތަކުން ގަވައިދާ ހިލާފަށް ގޮޑި މމޭޒު ޖަހައިގެން ވިޔަފާރި އުސޫލުން ހިދުމަތްދެމުންދާ ކަމަށެވެ.

މިގޮތުން މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް އެސަރަހައްދު ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ބެހެއްޓިފައިވާ ގޮނޑި މޭޒުތައް ނެގުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.

އާބަންކޯއިން ބުނީ، އެ މުއްދަތުގައި ތަކެތި ނަގާފައިނުވާނަމަ މިތަކެތި ނަގައި، ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް އެކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށ ވެސް އާބަންކޯއިން ބުނެއެވެ.

ހުޅުމާލޭގެ ކެފޭ/ޓޭކްއަވޭ ތަންތަނުގެ ޕޭވްމަންޓްމަތީގައި ކެފޭގެ ހިދުމަތް ދިނުން ދޭތެރެދޭތެރެއިން ވަރަށް ބޮޑަށް އާންމުވެއެވެ. އާންމުންގެ ޝަކުވާ އިތުރުވެ، އާބަންކޯއިން މިގެ ކުރިން ވެސް ވަނީ ހުޅުުމާލޭ ބައެއް މަގުތަކުގެ ޕޭމަންޓް މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން ހުއްޓައިލުމަށް އަންގާފައެވެ.

އާބަންކޯއިން ވަނީ އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މިފަދަ މަސައްކަތަށް އެންމެންގެ އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.