އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަމުން އަންނަ އިންތިގާލީ އިންސާފުގެ އޮފީހުގެ ކޮރަޕްޝަންގެ މައްސަލައަށް އެއްބާރުލުން ދިނުމަށް އެ އޮފީހުން ނިންމައި އޮފީސް ބަންދު ކޮށްފިއެވެ.
އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގީ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތަުން ފާޑުވިދާޅުވެ އަދި އެތަނުގައި ގާނޫނާ ހިލާފު ގިނަ އަމަލުތައް ހިންގާކަމަށް ތުހުމަތުކޮށް، އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އަނީސް އިސްތިއުފާ ދިނުމަށްފަހު ނެރުނު ބަޔާނާ ގުޅިގެންނެވެ.
އޭގެ ފަހުން އަމިއްލަ ފަރާތަކުން އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު މި މައްސަލައިގެ ތަހުގީގަށް އޭސީސީގެ ތަހުގީގު ޓީމު، އިންތިގާލީ އިންސާފުގެ އޮފީހަށް ދިއުމުން އެއްވެސް މައުލޫމާތެއް އަދި ޑޮކިއުމެންޓެއް އެ އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ.
އޭސީސީގެ އަމުރުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަނުވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ސައްހަ އަމުރެއް ކަމަށް ބެލޭނެ ގޮތެއް ނެތްކަމަށް ބުނެ އޮފީހުން ވަނީ މިއަދު އެ މައްސަލައިގައި އެއްބާރުލުން ނުދޭން ނިންމާ، އޭސީސީގެ އަމުރު ރަނގަޅު ކޮށްގެން އައުމަށް އަންގާފައެވެ.
ނަމަވެސް އިންތިގާލީ އޮފީހުން މިރޭ ނެރުނު އިއުލާނެއްގައި ބުނީ އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަންގެ ތަހުގީގަށް ބޭނުންވާ އެ އޮފީހުގެ އެންމެހާ ލިޔެކިޔުންތައް ބަލަމުންދާ ކަަމަށާއި އެ ކޮމިޝަންގެ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާ އެ އޮފީހުގެ ކައުންޓަރު ބަންދުވާނެ ކަމަށެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު ހުކުރު ދުވަހު ހަމަވާއިރު އެތަނުން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ.