އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ އޮފީހުގެ ހަރު މުދަލާއި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީ އާ ހަވާލު ކުރުމަށް އަންގައިފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ އެ އޮފީހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީ އެ އޮފީސް އުވިގެން ދާއިރު އޮފީހުގެ ހަރުމުދަލާއި އަދި ހުރިހާ ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީ އާ ހަވާލު ކުރުމަށް އެ މިނިސްޓްރީން އަންގަވާފައިވާ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނަކީ، ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހަގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލުމަށް އެކުލަވާލި ގާނޫނެކެވެ.

އިންތިގާލީ އޮފީހުގެ މުއްދަތު މިދިޔަ އަހަރު ޑިސެމްބަރު މަހަށް ހަމަވާ ގޮތަށް އޮތް ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ، އެ އޮފީހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތައް މުއްދަތުގެ ތެރޭގައި ތަހުގީގުކޮށް ނުނިމި އެ މައްސަލަތައް ބަލަން އިތުރު ވަގުތު ބޭނުންވާތީ އެ އޮފީހުގެ މުއްދަތު ނޮވެމްބަރު 17، 2023 އަށް އިތުރު ކުރައްވާފައެވެ.