އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތަށް ފާޑުވިދާޅުވެ އަދި އެތަނުގައި ގާނޫނާ ހިލާފު ގިނަ އަމަލުތައް ހިންގާކަމަށް ތުހުމަތުކޮށް، އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އަނީސް އިސްތިއުފާދެއްވައިފިއެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް ދީފައިވާ ގާނޫނީ މުއްދަތު ހަމަވާން ފަސް ދުވަހަށް ވެފައިވަނިކޮށް ޖިހާދާ އިސްތިއުފާދެއްވާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތާ ހަވާލުވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް ފުރަތަމަ ކަނޑައެޅި ދެ އަހަރުގެ ދުވަހުގެ ތެރެއިން ފުރަތަމަ އަހަރު ނިމިގެން ދިޔައިރު ވެސް، ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލުތަކެއްގެ ސަބަބުން މައްސަލަތަކުގެ ތަހުގީގެއް ނުފެށި ލަސްވިކަން ފާހަގަކުރައްވަމުން ޖިހާދާ ވިދާޅުވީ ރަނގަޅަށް މަސައްކަތް ކުރެވުނު ނަމަ، އެ އޮފީހަށް ހުށަހެޅުނު 469 މައްސަލަ ބެލޭނެ ކަމަށެވެ. 2022 ވަނަ އަހަރު ނިމުނުއިރު ގިނަ މައްސަލަތަކެއް ނިންމާފައިވީ ނަމަވެސް އެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި އޮފީހުގެ އެންމެ އިސްފަރާތުން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވުމުގެ ސަބަބުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ވެސް އެ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ސުލްހަކުރުމުގެ މަސައްކަތް ނުފެށިފައިވާކަމަށް ޖިހާދާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދާކަން ހާމަކުރަމުން ޖިހާދާ ވިދާޅުވީ އެ އޮފީހަށް ފަހުން އައްޔަން ކުރެވުނު އޮމްބަޑްސްޕާސަނަކު ގިނަ ދުވަސްތަކެއްގައި އޮފީހަށް ހާޒިރުވެ ވަޑައިގެންފައި ނުވާކަމަށެވެ. މައްސަލަތަކުގައި ގޮތެއް ނިންމަން ތަކުރާރުކޮށް އެދުނު ނަމަވެސް، ވެރިން އިސްކޮށްފައިވަނީ އަމިއްލަ މަސައްކަތްތައް ފާހަގަކުރައްވަމުން ޖިހާދާ ވިދާޅުވީ އަދި ބައްދަލުވުންތަކަށް ވަޑައިނުގަތުމުގެ ސަބަބުން މަސައްކަތްތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިވެގެން ދިޔަ ކަމަށެވެ.
އިންތިގާލީ އޮފީހުން ގަވައިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރައްވަމުން ޖިހާދާ ވިދާޅުވީ މައްސަލަތައް ނުނިންމައި ދިގު ދެންމުމަށް ފަހު ދައުރު ނިމެން ދެ ހަފްތާއަށް ވެފައިވަނިކޮށް ގަވައިދުތަކާއި ތަހުގީގުކުރުމުގެ އުސޫލުތަކާ ހިލާފަށް ކުއްލިއަކަށް މަސައްކަތްތައް ނިންމަން ފަށާފައިވާކަމަށެވެ. އަދި ކުރިން ނިންމާފައިވާ ބައެއް މައްސަލަތަކުގެ ނިންމުން ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތުވެސް ޖިހާދާ ވަނީ ކުރައްވާފައެވެ.
މީގެ އިތުރުން ޖިހާދާގެ ބަޔާނުގައި ވަނީ އޮމްބަޑްސްޕާސަނުން ހާޒިރުނުވާ ބައްދަލުވުންތަކަށް ހާޒިރުވިކަމަށް ހެދުމާއި ކުރީން އޮމްބަޑްސްޕާސަނުންގެ ރަސްމީ ބައްދަލުވުންތަކުން ނިންމާފައިވާ މައްސަލަތަކުގައި ބައިވެރިވި އޮމްބަޑްސްޕާސަނުންނަށް އެނގުމެއްނެތި ތާވަލްކުރެވި އަލުން ގޮތް ނިންމާފައިވާކަމަށެވެ. އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި އިރު އެތައް އުދަގޫކަންތައްތައް ދިމާވިކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ އެ އޮފީހުގެ މުވައްޒަފަކު މަސްތުވެގެން ހުރެ އޭނާގެ ކޮޓަރިއަށް ވަދެ، ޖިންސީ ފުރައްސާރަ ކުރަން މަސައްކަތް ކުރިކަމަށް ވިދާޅުވެފައެވެ. އަދި އެ މުވައްޒަފުގެ ފަރާތުން ތަކުރާރުކޮށް އެފަދަ މައްސަލަތައް ހިނގި ނަމަވެސް، އެ މުވައްޒަފަކީ ޗީފް އޮމްބަޑްސްޕާސަން ސަލާމް އާ ގާތް ގުޅުމެއް އޮންނަ މުވައްޒަފަކަށް ވާތީ ފިޔަވަޅެއް ނާޅާ ހިމާޔަތް ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އިތުރަށް ޖިހާދާ ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އޮފީސް މާހައުލުގައި ބުލީކުރުން އާންމުވެގެން ދިޔައިރުވެސް އަދި މުވައްޒަފުންނަށް ނަފްސާނީ ގޮތުން އެތައް އަނިޔާތަކެއް ލިބެމުން ދާއިރު ވެސް އެއްވެސް ފިޔަވަޅެއް ނޭޅޭކަން ވަނީ ފާހަގަކޮށްފައެވެ.
ޖިހާދާ އެ މަގާމުން އިސްތިއުފާދިނުމަށް ނިންމި ސަބަބު ހާމަކުރަމުން ވިދާޅުވީ މި ފަދަ ކަންކަމުގައި އެޅޭނެ ފިޔަވަޅެއް ނެތުމާއި ކުރިއަށް އޮތް މަދު ދުވަސްތަކުގައި ގަވައިދުތަކާ ހިލާފަށް އެތައް ކަމެއް ކުރާނެ ކަމަށް ގަބޫލުކުރެވޭތީ އެ ތަނުގައި ހުރުމަށް ޒަމީރު ގަބޫލުނުކުރާ ކަމަށެވެ.