އެއްބާރުލުންދިން އިންތިގާލީ އިންސާފުގެ އޮފީހުގެ ތިން މުވައްޒަފުން ސަސްޕެންޑްކުރުމުން އޭސީސީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭސީސީއިން ބުނީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ދިޔަ އެ ކޮމިޝަނުގެ ތަހުގީގު ޓީމުތަކަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސް އަޅައި އެ ތަހުގީގަށް އެއްބާރުލުން ދެއްވި މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްއަޅައި މުވައްޒަފުންނަށް ދީފައިވާ ބައެއް އެކްސެސްތައް ކަނޑާލައި އެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށް އެ އޮފީހުން އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އޭސީސީއިން ބުނީ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުން ދެއްވައި ފަސްޖެހުމެއްނެތި ގާނޫނު ނެގެހެއްޓުމަށް އިންތިގާލީ އިންސާފުގެ އޮމަބަޑްސްޕާސްންގެ އޮފީހުގެ ތިން މުވައްޒަފެއް މަސައްކަތްކޮށްދެއްވާފައިވާތީ އެކަން ފާހަގަކޮށް އެ މުވައްޒަފުންނަށް ހާއްސަ ޝުކުރު އަދާކުރާ ކަމަށެވެ.
އެ ކޮމިޝަނުގެ ތަހުގީގު ޓީމުން އިންތިގާލީ އޮމްބަޑްސްޕާސަންގެ އޮފީހަށް ގޮސް ކޮމިޝަނުން ހިންގާ ތަހުގީގަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދުމުގެ މަރުހަލާގައި އެ އޮފީހުން އާންމުންނަށް ދެމުންދިޔަ ހިދުމަތްތަކަށް ބުރޫއަރާފާނެ ނުވަތަ ހިދުމަތެއް ހުއްޓާލަންޖެހިދާނެ އެއްވެސް އަމަލެއް ހިންގާފައިނުވާކަން އޭސީސީއިން ފާހަގަކުރެއެވެ.
އިންތިގާލީ އިންސާފުގެ އޮފީހުގެ ދައުރު ހުކުރު ދުވަހު ހަމަވާއިރު އެތަނުން އެކަށީގެންވާ މަސައްކަތެއް ނުކުރެވި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގައެވެ.