އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަމުން އަންނަ އިންތިގާލީ އިންސާފުގެ އޮފީހުގެ ކޮރަޕްޝަންގެ މައްސަލައަށް އެއްބާރުލުން ނުދޭން އެ އޮފީހުން ނިންމައިފިއެވެ.

އޭސީސީން ތަހުގީގު ކުރަމުން އަންނަނީ އެ ކޮމިޝަނުން ނިންމާފައިވާ ބައެއް ތަހުގީގީ ނިންމުންތައް ބަދަލުކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ އިންތިގާލީ އިންސާފުގެ އޮފީހުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތަުން ފާޑުވިދާޅުވެ އަދި އެތަނުގައި ގާނޫނާ ހިލާފު ގިނަ އަމަލުތައް ހިންގާކަމަށް ތުހުމަތުކޮށް، އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންގެ މަގާމުން ޖިހާދާ އަނީސް އިސްތިއުފާ ދިނުމަށްފަހު ނެރުނު ބަޔާނާ ގުޅިގެންނެވެ.

އޭގެ ފަހުން އަމިއްލަ ފަރާތަކުން އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު މި މައްސަލައިގެ ތަހުގީގަށް އޭސީސީގެ ތަހުގީގު ޓީމު، އިންތިގާލީ އިންސާފުގެ އޮފީހަށް ދިއުމުން އެއްވެސް މައުލޫމާތެއް އަދި ޑޮކިއުމެންޓެއް އެ އޮފީހުން ހިއްސާކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ އޭސީސީގެ އަމުރުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަނުވާ ކަމަށާއި އެއީ ގާނޫނީ ގޮތުން ސައްހަ އަމުރެއް ކަމަށް ބެލޭނެ ގޮތެއް ނެތްކަމަށެވެ. މީގެ އިތުރުން އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ އެއްވެސް ލިޔެކިޔުމެއް ދޭން ދެކޮޅުނުހައްދަވާ ކަމަށާއި، އަމުރު ރަނގަޅު ކޮށްގެން އައުމަށް އޭސީސީއަށް އަންގާފައިވާނެކަމަށެވެ.