މައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ މައްޗަށް ޖިނާއީ ތަހްގީީގެއް ހިންގުމަށް ފުލުހުގައި އެދިފައިނުވާނެ ކަމަށް، ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން އިއްޔެ މިހެން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅިގެން މަންދީ އަދި މާޒް ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މަންދީ އާއި މާޒް ސަލީމްގެ ސާމްޕަލް ނެގުމާ ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ ޗިޓަކީ ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ހުށަހަޅައިގެން ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހްގީގަށް ބޭނުންވާ އަޑާއި ފޮޓޯ ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމަށެވެ.
އެކަން ދޮގުކޮށް ނެރުނު ބަޔާނެއްގައި ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނީ، މިދިޔަ މާޗް މަހުގައި އެމްޑީޕީން ކުރި އިހްތިޖާޖެއްގައި މަންދީ އާއި މާޒް ސަލީމް، ރައީސްގެ ދަރިކަލެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި މަންޒަރު ދައުރުވަމުންދާ ވީޑިއޯއެއް އެ އޮފީހުގެ ސަމާލުކަމަށް އައުމުން، ފުލުހަށް ފޮނުވި ސިޓީގައި އެކަމާ ގުޅިގެން އަމަލުކުރާނެ ގޮތުގެ އެއްވެސް އިރުޝާދެއް ދީފައިނުވާނެ ކަމަށާއި، މިކަމާ ގުޅިގެން ޖިނާއީ ތަހްގީގެއް ކުރުމަށް ވެސް އެދިފައިނުވާނެ ކަމަށެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ބުނިގޮތުގައި، އެ އޮފީހުން ފުލުހުގައި އެދިފައިވާނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހިންގޭ ހަރަކާތްތަކުގައި ފުލުހުން އިންތިޒާމުވެގެން ތިބޭއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރުކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށެވެ.
އެހެންކަމުން ފުލުހުންގެ ބަޔާނުގައި ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހާ ގުޅޭގޮތުން ހާމަކުރި މައުލޫމާތު ސައްހަނޫން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.