އާރްޓީއެލް ފެރީ ހިދުމަތްދޭ އަތޮޅުތަކުގެ ތެރެއިން އުތުރުގެ ތިން އަތޮޅުން ހިދުމަތް ހޯދާ މީހުންނަށް އަހަރަކު 9600 ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ސާވޭއިން ދައްކައިފިއެވެ.
ޕްލޭނިން މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިން އާ ހަވާލުކޮށްގެން ހެދި ދިރާސާގައި އުތުރުގެ ހއ.، ހދ އަދި ށ އަތޮޅުގައި މީހުން ދިރިއުޅޭ 41 ރަށުގެ ތެރެއިން މި ދިރާސާގައި ވަނީ 16 ރަށުން މައުލޫމާތު އެއްކޮށްފައެވެ. ހުރިހާ އުމުރަކުން ވެސް ދެ ޖިންސުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިވެފައިވާ މި ސާވޭގައި ޕަބްލިކް ސެކްޓާއިން 787 މީހުން އަދި ވިޔަފާރީގެ ނަޒަރުން ބެލުމަށް 106 ވިޔަފާރިއެއްގެ ފަރާތުން މައުލޫމާތު ހޯދާފައި ވެއެވެ.
މި ސާވޭއާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީން އާންމު ކުރި މައުލޫމާތުން ދައްކާ ގޮތުގައި ސާވޭގައި ބައިވެރިވި، 86 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި އާރްޓީއެލްގެ ސަބަބުން ގޭބިސީގެ ދަތުރުފަތުރުގެ ހަރަދު ވަނީ ކުޑަވެފައެވެ. ދަތުރުފަތުރުގެ ހަރަދު ކުޑަވެ، އޭގެ ސަބަބުން ލިބޭ ސޭވިންގެ ސަބަބުން އިގްތިސޯދީ ހާލަތާއި އާއިލާތަކާއި ގޭބިސީތަކުގެ މާލީ ތަނަވަސް ކަން އިތުރުވެގެން ދެއެވެ.
2019 ވަނަ އަހަރުގެ ގޭބިސީތަކުން ލިބޭ އާމްދަނީ އާއި ހަރަދުގެ ސާވޭއިން ދައްކާ ގޮތުގައި ދަތުރުފަތުރުގެ ހަރަދަކީ އަތޮޅުތެރޭގައި ދެވަނައަށް އެންމެ ބޮޑު ހަރަދެއް ކުރާ ކެޓަގަރީއެވެ. އެގޮތުން ދަތުރުފަތުރުތަކަށް ކުރި ހަރަދު މަހެއްގެ މައްޗަށް ބަލާނަމަ 800 ރުފިޔާ ސަލާމަތް ކުރެވުނީ އާރްޓީއެލް ފެރީން ދަތުރު ކުރުމުގެ ސަބަބުން ކަމަށް އެ ސާވޭގައި ބުނެއެވެ. އެހެންކަމުން ޒޯން 1 ގެ 3 އަތޮޅުގެ ގާތްގަނޑަކަށް 10،500 ގޭބިސީއަށް ދަތުރުފަތުރުގެ ހަރަދުގެ ގޮތުގައި އަހަރަކު 100 މިލިއަން ރުފިޔާ ރައްކާ ކުރެވޭނެ ކަމަށް އެ ސާވޭ ރިޕޯޓްގައި ބުނެއެވެ.
މި ފެރީ ނިޒާމުގެ ސަބަބުން އިޖްތިމާއީ ގުޅުންތަކާއި މުޖުތަމައުގެ ގުޅުންތަކަށް ވެސް އެދެވޭ ރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަން ސާވޭ ރިޕޯޓުން ދައްކައެވެ. އެ ގޮތުން އާރްޓީއެލްގެ ސަބަބުން ޒޯން އެކެއްގައި ދިރިއުޅޭ ގިނަ ބަޔަކަށް އެހެން ރަށްރަށުގައި ދިރިއުޅޭ އާއިލާ އާއި ރައްޓެހިން ކައިރިއަށް ޒިޔާރަތްކޮށް ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައި ވެއެވެ. މިއީ ސާވޭގައި ބައިވެރިވި 89 ޕަސެންޓް މީހުންގެ ނަތީޖާއިން ފާހަގަ ކުރެވުނު ކަމެކެވެ. ހަަމައެއާއެކު މުޖުތަމައުގެ ގުޅުންތަކާއި ހަރަކާތްތަކާ ގުޅިގެން 88 ޕަސެންޓް މީހުން ބުނެފައި ވަނީ، އާރްޓީއެލްގެ ސަބަބުން އިޖުތިމާއީ ފުރުސަތުތައް އިތުރަށް ފަހިވެ، ގުޅުން ބަދަހިވެގެން ދިޔަ ކަމަށެވެ.
ސިއްހީ ގޮތުން އާއިލާތަކަށް ލިބުނު ފައިދާތަކަށް ބަލާއިރު، ކުޅުދުއްފުށި ސިޓީން ބޭރުގައި ދިރިއުޅޭ މީހުންގެ ތެރެއިން 94 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އާރްޓީއެލްގެ ސަބަބުން ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް ލިބެއެވެ. ސީރިއަސް އަދި ދާއިމީ ބައްޔެއް ހުންނަ މީހުންނަށް ސްޕެޝަލިސްޓް ކޮންސަލްޓޭޝަން އަދި ލެބޯޓްރީ ޓެސްޓުތައް ގަވާއިދުން ވަގުތުން ލިބުން އިތުރުވެފައި ވާއިރު، ބަލި ހާލަތު އިތުރަށް ސީރިއަސްވުމުގެ ކުރިން ބަލިތަކަށް ފަރުވާދިނުމަށް ދައުލަތުގެ އަދި އަމިއްލަ ކްލިނިކްތަކުގައި ކުރިން ސިއްހީ ހިދުމަތް ހޯދުން ވެސް ވަނީ އިތުރުވެފައެވެ.