ޅ. ކުރެންދޫ ބަނދަރު ހެދުމަށް 2011 ގައި ހެދި ޖޮއިންޓް ވެންާ އެއްބަސްވުން ބާތިލް ކުރުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަަގައިދޭން ޖެހޭ ފައިސާގެ އިތުރަށް 23،227،188 ރުފިޔާ ސަރުކާރުން ހެދި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ދީފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މިހެން ބުނެފައި ވަނީ އޭޕްރީލް 30، 2023 ގައި ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާ ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަން އަށް ދިނުމަށް ކަނޑައެޅި މާލީ ބަދަލާ ގުޅޭ ކަންކަން ބެލުމަށް ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓް ރިޕޯޓްގައެވެ.

ޅ. ކުރެންދޫގެ ބަންދަރު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަނީ ސަރުކާރުން ކުރިން ހިންގަމުން އައި ވޯކްސް ކޯޕަރޭޝަން ލިމިޓެޑް އާ ހަވާލުކޮށްފައެވެ. ނަމަވެސް ވޯކްސް ކޯޕަރޭޝަން އިން އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަނީ ޖެނުއަރީ 27، 2011 ގައި ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން 14،932،776 ރުފިޔާއަށް ޔޫމެޓް ކޮންސްޓްރަކްޝަން އަށް ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ވޯކްސް ކޯޕަރޭޝަންގެ މައިގަނޑު ޒިންމާއަކީ މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް ސަޕްލައި ކުރުމެވެ. މަސައްކަތަށް ބޭނުންވާ މީހުންނާއ މެޝިނަރީ އަދި ވެހިކަލްތައް ފޯރުކޮށްދީ މަޝްރުއުގެ އަމަލީ މަސައްކަތް ކުރުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ޔޫމެޓްއާއެވެ.

ނަމަވެސް އޮކްޓޯބަރު 30، 2011 ގައި ޖޮއިންޓް ވެންޗާ އެއްބަސްވުމުގެ އެޑެންޑެމްގައި ވޯކްސް ކޯޕަރޭޝަން އާއި ޔޫމެޓް ސޮއިކޮށް ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނެސް އެއްބަސްވުމުގެ އަގު ވަނީ 21،109،352 ރުފިޔާ އަށް އިތުރު ކޮށްފައެވެ. އެއަށް ފަހު ވކްސް ކޯޕަރޭޝަން ހިންގުމަށް 2012 ވަނަ އަހަރު ގެނައި ބަދަލާއެކު ކުރެންދޫ ބަނދަރުގެ މަޝްރޫއު ވަނީ ސެޕްޓެމްބަރު 6، 2011 ގައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ބަނދަރު ހެދުމުގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެމްޓީސީސީން ހެދި އެސެސްމެންޓަށް ފަހު އެ ބަނދަރު ހެދުމަށް އެދެވޭ ގޮތެއްގައި ޔޫމެޓް އިން މަސައްކަތް ކޮށްފައި ނުވާ ކަމަށް ނިންމައި މާޗް 10، 2013 ގައި ވޯކްސް ކޯޕަރޭޝަންއާއި ޔޫމެޓް އާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުން ވަނީ އުވާލާފައެވެ.

މި އެއްބަސްވުން އުވާލުމާށް އެކު ޔޫމެޓް އިން ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެ އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށާއި ޔޫމެޓަށް ވޯކްސް ކޯޕަރޭޝަނުން ދައްކާފައިވާ ފައިސާ އުނިކޮށް ބާކީވާ 13.42 މިލިއަން ރުފިޔާ ނަގައި ދިނުމަށެވެ. ދައުލަތުން މި މައްސަލަ 2016 ގައި ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުން ނިންމާފައި ވަނީ ސިވިލް ކޯޓުން ނަގައިދޭން އެދިފައިވާ ފައިސާ އަކީ އެހާތަނަށް ޔޫމެޓްއިން ކޮށްނިންމާފައިވާ މަސައްކަތްތަކުގެ ބަދަލުގެ މިންވަރުކަން އެނެގެން ނެތުމުން އެއީ ބަދަލުގެ ގޮތުގައި ނަގައިދެވޭނެ ފައިސާ ނޫން ކަމަށެވެ.

މިއާ އެކު ޔޫމެޓުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އޭޕްރިލް 26، 2021 ގައި އެ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށާއި ނަމަވެސް ޖޮއިންޓް ވެންޗާ އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލް ކުރި އަސާސް ނެތި ދިއުމުން ސިވިލް ކޮޓުން ނިންމާފައިވާ ނިންމުން ދެމި އޮންނާނެ ކަމަށެވެ. އެއަށްފަހު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ރައީސް އޮފިހުގެ އިކޮނޮމިކް ކައުންސިލުން ޕްލޭނިން މިނިސްޓްރީއާއި ޔޫމެޓް އާ ދެމެދު އޭޕްރީލް 30، 2023 ގައި ވަނީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މާލީ ބަދަލު ދިނުމާ ގުޅޭ ކަންކަން އޮޑިޓްކޮށް އާންމުކޮށްފައިވާ ރިޕޯޓްގައި ބުނާ ގޮތުގައި، އެ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން 26 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އިންވޮއިސްތަކާއި އެ އިންވޮއިސްތަކަށް ފައިސާ ދައްކާފައިވާ ގޮތަށް ބަލާއިރު، މި މަޝްރޫއުގެ މަސައްކަތް އޭޕްރިލް 1، 2012 ގައި ވަނީ ހުއްޓިފައެވެ. އެއްބަސްވުން ބާތީލކޮށްފައި ވަނީ މާޗް10، 2013 ގައި ކަމުން އެ ދެމެދުގައި 343 ދުވަސް ހިމެނެއެވެ. އެހެންކަމުން އައިޑަލް ކޮސްޓްގެ ގޮތުގައި އެންމެ ގިނައިން ނަގައިދޭން ޖެހޭ ގެއްލުމުގެ ބަދަލުގެ އަގަކީ 2،772،812 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޫމެޓް އިން ހުށަހެޅި ފައިސާގެ ތެރެއިން އެ ކުންފުންޏަށް އެންމެ ގިނަވެގެން ނަގައިދޭން ޖެހޭ މާލީ ބަދަލުގެ އަގަކީ 2،772،812 ރުފިޔާ ކަމަށާއި ނަމަވެސް ގެއްލުމުގެ ބަދަލަށް ނަގައިދޭންޖެހޭ ފައިސާގެ އަދަދަށް ވުރެ އިތުރަށް 23،227،188 ރުފިޔާ ޔޫމެޓްއަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޫމެޓްއަށް ނަގައިނުދެވޭނެ ކަމަށް ޝަރުއީ ކޯޓުތަކުން ކަނޑައަޅާފައިވާ އަދަދު ހިމަނައިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށެވެ. ޔޫމެޓާ އެކު 21.11 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަޑަފައިވާ އިރު، އެގެތެރެއިން 7.69 މިލިއަން ރުފިޔާ ވަނީ ދީފައެވެ، ބާކީ ނުދެވި ހުރީ 13.42 މިލިއަން ރުފިޔާއެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ އަގު ކަނޑައަޅާފައި ވަނީ މި 13.42 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށާއި އެ ކުންފުނިން ފުރިހަމަ ނުކުރާ މަސައްކަތުގެ އަގަށް އެއްބަސްވުމުގެ މުގާބިލެއްގެ ގޮތުގައި 13.42 މިލިއަން ރުފިޔާ ނަގައިދޭން ނުޖެހޭ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި މަސައްކަތުގެ މުގާބިލެއްގެ ގޮތުގައި ހޯދުމަށް ހުށަހަލާފައިވާ ފައިސާ އަކީ ނަގައިދޭންޖެހޭ ފައިސާއެއް ކަމަށް ނުވާތީ، މަސައްކަތުގެ މުގާބިލެއްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދައުރުކޮށްގެން އާމްދަނީގެ ގޮތުގައި 4،847،773 ރުފިޔާ ލިބެނޭ ކަމަށް ލަފާކޮށް ހުށަހަލާފައިވާ ފައިސާގެ އަދަދު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން ނުޖެހޭ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.