އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ބޮޑު ތިލަދުންމައްޗާއި ދެކުނުގެ ސަރަހައްދު އުނިވެފައިވާ ސަބަބު ސަރުކާރުން ސާފުކޮށްދިނުމަށް، މައި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ސަރުކާރުން މިއަދު ވަނީ، އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ ހަތް ރަށެއް ކަނޑައަޅައި، އިއުލާނުކޮށްފައެވެ. އެ ރަށްރަށަކީ:

  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ނައިފަރު
  • އދ. މަހިބަދޫ
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • ލ. ފޮނަދޫ

ސަރުކާރުން ކުރި އިއުލާނު 'އެކްސް'ގައި ހިއްސާކުރައްވައި ޝާހިދު ވިދާޅުވީ، އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުން މުހިންމު ކަމަށެވެ.

"އާބަން ސެންޓަރުގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމުން ރަށްރަށް ހިންގުމުގެ ނިޒާމުން އެ ރަށްތައް ވަކިކޮށް މާލޭން ހިންގަން ފެށުން ކަމުގައި ވެގެން ނުވާނެ،" ޝާހިދު ލިޔުއްވާފައިވެއެވެ.

އާބަން ރީޖަންތައް ކަނޑައަޅައި، އާބަން ސެންޓަރުތަކުގެ ގޮތުގައި ހަތް ސަރަހައްދެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ސަރުކާރުން މީގެ ކުރިން ވަނީ އާބަން ރީޖަންތައް ކަނޑައެޅުމަށްޓަކައި ތަފްސީލީ ދިރާސާއެއް ކުރުމަށް މި އަހަރުގެ ކުރީކޮޅު ނިންމައިފައެވެ.

މިދިޔަ މާޗް މަހު ރައީސް ކުޑަހުވަދު އަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނުގެ އެ ވައުދުފުޅު ތަކުރާރުކުރައްވައި ވިދާޅުވީ، ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓް ޒޯންތަކުގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމަށެވެ.