ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ދޫކުރި 'ގެދޮރިވެރިޔާ' ސްކީމުގެ ރީ-އިވެލުއޭޝަން މަސައްކަތަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ނުފޫޒު ފޯރުވަމުންދާ ވާހަކަތަށް ގެދޮރުވެރިކަމާި ބިމާއި އުމްރާނީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ދޮގުކޮށްފިއެވެ.
އެ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އާންމުންގެ މެދުގައި އެ ވުޒާރާއާ މެދު ނުބައި ތަސައްވަރު އުފެދޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް މީސްމީޑިއާގައި ފަތުރަމުންދާ ކަމަށެވެ.
އެގޮތުން ބައެއް ސިޔާސީ ވެރިންގެ އިތުރުން ރައްޔިތުން މަޖިލިސް މެންބަރުން ރީ އިވެލުއޭޝަން މަސައްކަތަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ވުޒާރާގެ މަގްސަދަކީ އެ ސްކީމުގެ ދަށުން ފްލެޓްތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތައް ކަނޑައެޅުން ކަމަށެވެ.
"އަދި މި މަސައްކަތަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށް ވާތީ މި ކަމުގައި މި މިނިސްޓްރީގެ ރަސްމީ ބަހެއް ހޯދުމެއް ނެތި ސިޔާސީ ބޭނުމަށް ހަގީގަތާ ހިލާފު ހަބަރު ނުފެތުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން" އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވެއެވެ.
'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ގެޒެޓްކޮށްފައި ވީ ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ވަނީ މައްސަލަ ބަލާފައެވެ.
އޭސީސީއިން އެ މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ޝަތުރު ހަމަވެ އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުން 20.7 ޕަސެންޓް ފޯމުގައި ކަމަށެވެ. އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން ޝަތުރު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ފާހަގަ ކުރި އެންމެ މުހިންމު ނުކުތާ އަކީ މުޅި ލިސްޓުގެ 59.6 ޕަސެންޓް މީހުން ނުވަތަ ފޯމްގައި ޝަތުރު ހަމަނުވާ ކަމަށެވެ.
އެހެންކަމުން މި ސަރުކާރުން އޮތީ އާ ލިސްޓް އިއުލާންކުރުން ފަސްކޮށްފަ އެވެ. ނަމަވެސް މީގެ ދެ ހަފްތާ ކުރިން ފްލެޓް ލިސްޓު ނެރޭނެ ކަން ހާމަ ކުރި ނަމަވެސް ފަހުން ވަނީ 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
މީގެ ކުރިންވެސް ވަނީ ލިސްޓު އާންމު ކުރާނެ ކަމަށް ބުނެ ތާރީހުތަކެއް ދީފައި ވެއެވެ. އެގޮތުން މިދިޔަ އޮކްޓޫބަރުގައި ވެސް ލިސްޓު ނެރޭނެ ކަމަށް ވިދާޅުވި ނަމަވެސް ލިސްޓު އާންމު ކޮށްފައި ނުވެއެވެ.