އެތައްހާސް ބަޔަކު ތާށިވެ އަދި އެތައް 100 ބަލިމީހަކާއި ތުއްތު ކުދިން ފުރިފައިވާ ގާޒާގެ އަލް ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަނެއްޖެއެވެ.
އެ ހޮސްޕިތަލްގެ ޑައިރެކްޓަރު ވިދާޅުވީ، ޔަހޫދީ ސިފައިން މިހާރު ތިބީ ހޮސްޕިޓަލްގެ ތެރޭގައި ކަމަށާއި ބޭސްމަންޓުން ފެށިގެން، ކޮޓަރިއަކުން ކޮޓަރިއަކުން އަދި ކޮރިޑޯއަކުން ކޮރިޑޯއަކުން ބަލައި ފާސްކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ހޮސްޕިޓަލްގެ ތެރޭގައި ތިބި މީހުންނާ ވަކިވަކިން ސުވާލު ކުރަމުން ގެންދާ ކަމަށާއި ހޮސްޕިޓަލަށް ވަދެ ނިކުމެވެ ހުރިހާ ދޮރެއްގައި އިލެކްޓްރޯނިކް އާލާތް ހަރުކޮށް، ސްޓާފަކަސް، ހިނގާ ބިނގާވެ ނޫޅެވޭ ބަލި މީހަކަސް ވަދެނިކުމެ ހަދަން ޖެހޭނީ އެ ދޮރުތަކުން ކަމަށް އަންގާފައި ވާ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ހޮސްޕިޓްގެ ތެރެއަށް ބަޑިޖަހާ، އެތާނގައި ތިބި މީހުންނަށް ބިރު ދެއްކުމުގެ އިތުރުން އެތާނގެ ވެރިޔާ ތަނުން ނިކުތުމަށް އަމުރު ކޮށްފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މި ކަމާ ގުޅިގެން ޑައިރެކްޓަރު މުހައްމަދު ޒަގޫތު ވިދާޅުވީ، ހޮސްޕިޓަލްގެ ބޭސްމަންޓުގައި ހަމާސްގެ ކޮމާންޑް ސެންތަރު ހުރި ކަމަށް އިޒްރޭލު ސިފައިން ކުރިން ބުނަމުން ދިޔަ ނަމަވެސް އެމީހުން އެތަނަށް ވަދެ ބަލައި ފާސްކޮށްގެން އެބުނާ ސެންޓަރެއް ނުފެނުނު ކަމަށެވެ. އަދި މިހާރުވެސް ބަލައި ފާސްކުރުން ކުރިއަށް ދާ ކަމަށާއި އޭނާ ހޮސްޕިޓަލުން ނިމުވެވަޑައިގަތުމަށް އެންގެވި ނަމަވެސް ބަލިމީހުން ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރު އިޒްރޭލު ސިފައިން ފަންގެފިލާއަކުން ފަންގެފިލާއަކުން ބަލައި ފާސްކުރަމުން ދާ އިރު އެމީހުންނާއެކު އަރަމުން ގެންދަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އިޒްރޭލު ސިފައިން ހޮސްޕިޓަލަށް ވަދެގަތުމުގެ އިރުކޮޅެއްގެ ކުރިން އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާން ވިދާޅުވީ، ހަމާސް އިން ހޮސްޕިޓަލްތައް ބޭނުން ކުރަމުން ދާ ކަމުގެ ހެކި ލިބިފައި ވާ ކަމަށެވެ.
އިޒްރޭލުގެ ތުހުމަތުތައް ހަމާސް އިން ދޮގު ކޮށް ބުނެފައި ވަނީ އެއްވެސް ހޮސްޕިޓަލެއްގައި ހަމާސްގެ ކޮމާންޑް ސެންޓަރެއްވެސް އަދި އޮޕަރޭޝަނެއް ވެސް ނުހިނގާނެ ކަމަށެވެ.
އިޒްރޭލުގެ އުދުވާން ހުއްޓުވަން ދުނިޔެ ނުކުޅެދިފައި ވާ އިރު، އެމެރިކާގެ މަދަދާއި ބާރު ހުއްޓުވުމަށް ވެސް ދުނިޔެ ވަނީ ނުކުޅެދިފައެވެ. އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރުން ހުއްޓާލުމަށް ކެނެޑާއިން ގޮވާލުމުން އެކަމަށް ވެސް އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ރައްދު ދީފައެވެ. އޭނާ ބުނެފައި ވަނީ، އިޒްރޭލުން ހަމަލާ ދެނީ ހަމާސް އަށް ކަމަށާއި ހަމާސް އިން ކުޑަކުދިންނާއި އަންހެނުން އަންޑަނައަކަށް ހަދާފައި ވާ ކަމަށެވެ.