ތިމާވެށީގެ ދާއިރާއިން ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތާއެކު މަޝްހޫރުކަން ހޯދާފައި ވާ ޒުވާން އެކްޓިވިސްޓު ގެރެޓާ ތުންބާގް، އިޒްރޭލުން އޭނާއާއި ޓީމަށް ޖެއްސި އަހުވަ ކިޔައިދީފިއެވެ.
ގާޒާގައި ލާއިންސާނީ އަނިޔާދީ އިޒްރޭލުން ބަނޑަށް މަރަމުން ގެންދާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އަނގަތީ ޔޮޓެއްގައި ތުމްބާގާއި އިތުރު 11 އެކްޓިވިސްޓުން ޖޫން 1 ވަނަ ދުވަހު ފުރި ދަތުރުގައި ގާޒާއާ 100 މޭލަށް ކައިރިވެފައި ވަނިކޮށް އިޒްރޭލުން ވަނީ ޔޮޓު ހުއްޓުވައި އެންމެން ރަހީނު ކޮށްފައެވެ.
ތުންބާގް ބުނީ، ބައިނަލްއަގުވާމީ ކަނޑުގައި (އިންޓަނޭޝަނަލް ވޯޓާސް) ގައި ޔޮޓު އޮއްވާ ޑްރޯން ބޭނުންކޮށްގެން އެ ޔޮޓަށް ލޯ ކަރާ ޒާތުގެ ހުދުކުލައިގެ ކުނޑިއެއް އެޅުމަށް ފަހު ޔޮޓަށް އަރައި އެންމެން ހައްޔަރު ކުރި ކަމަށެވެ. އަދި އެންމެންގެ ފޯނުތައް އަތުލައި ދުނިޔެއާ ގުޅުން ކަނޑުވާލި ކަމަށެވެ. އޭގެ ފަހުން އެންމެން ޔޮޓުގެ ވަތަށް ބާލައި މައްޗަށް އެރިޔަ ނުދީ ބޭތިއްބީ އެތާނގައި ކަމަށެވެ.
އިޒްރޭލުން ބުނަނީ، ގާޒާގެ ރައްޔިތުންނަށް އިންސާނީއެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ކުރާ މަސައްކަތަށް ތުންބާގުގެ ޓީމާ ހުރެ ހުރަސްއެޅިގެން ދާ ކަމަށެވެ. އެހެން ކަމުން ޔޮޓު ހުއްޓުވައި އެމީހުންނާމެދު އަމަލު ކުރީ ބައިނަލްއަގުވާމީ ހަމަތަކުން ކަމަށާއި އިޒްރޭލުގެ މަސައްކަތަށް ހުރަސް އަޅަން އުޅުމަކީ ނުރައްކާތެރި އަދި ގާނޫނާވެސް ހިލާފު ކަންތައްތަކެއް ކަމަށެވެ.
ޔޮޓާއެކު 12 މީހުން ގެންދިޔައީ އިޒްރޭލަށެވެ. އެއަށްފަހު އެކި އެކްޓިވިސްޓުން އެކިތަނުގައި ބަންދުކޮށް އެތައް ގަޑިއިރެއް ވާންދެއް ސުވާލުކޮށްފައި ވެއެވެ. އޭގެ ފަހުގައި އިޒްރޭލުން ޑިޕޯޓު ކޮށްލުމަށް ލިޔުމެއްގައި ސޮއި ކުރަން ބުނުމުން، ތުންބާގާއި އިތުރުން ބައެއް މީހުން ސޮއި ކުރި ކަމަށާއި، އެހެން ބައެއް އެކްޓިވިސްޓުން ސޮއި ނުކުރާކަމަށް ތުންބާގު ބުނެފައި ވެއެވެ.
ނަމަވެސް އިޒްރޭލުން މިވަގުތަށް ޑީޕޯޓު ކޮށްލީ ތުންބާގް އެކަންޏެވެ. އޭނާ ބުނީ، އެކަން އެހެން ކުރި ސަބަބު ނޭނގޭ ކަމަށާއި، ފުރާންސަށް ދިޔަ ބޯޓަށް އޭނާ އަރުވައި ފުރުވާލި އިރު އެހެން ބައިވެރިންނަށް ހެދި ގޮތެއް ބެލުމަށް އިޒްރޭލުން ފުރުސަތު ދީފައި ނުވާ ކަމަށެވެ.
އެވާހަކަތަކަށް ފަހު ތުންބާގު ބުނީ އަސްލު ވާހަކައަކީ 'ގާޒާގައި ހިންގަނީ ގަތުލުއާންމެއް ކަމަށާއި ރާވައިގެން ހިންގާ ބަނޑަށްޖެއްސުމުގެ ޖަރީމާއެއް ކަމަށެވެ. ގާޒާގެ ރައްޔިތުން އެ ތިބީ ކާބޯތަކެއްޗާއި ބޭހާއި ފެނަށް ޖެހި އެތަކެއްޗަށް ކެތްމަދުވެފައި ކަމަށާއި ނަމަވެސް ހަގީގަތަކީ އެތަކެތި ލިބުމުން މަހުރޫމް ކުރުވުން' ކަމަށެވެ.
ދުނިޔޭގެ މަޝްހޫރު ބައެއް އެކްޓިވިސްޓުން އަނގަމަތީ ޔޮޓެއްގައި ކުރި ތާރީހީ މިދަތުރުގައި ގާޒާއާ ހަމައަށް ނުފޯރި ނަމަވެސް މިއީ، މިފަދަ އެތައްހާސް އެކްޓިވިސްޓުންނަކަށް ލިބިގެން ދިޔަ ހިތްވަރެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކިތަންމެ ދަތުރެއް ފެންނާނެ ކަމަށާއި ދުނިޔޭގެ ބާރުތަކަށް އިޒްރޭލު ނުހުއްޓުވުނަސް އެކްޓިވިސްޓުންނާއި ގައުމުތަކުގެ އާންމު ރައްޔިތުން ހުއްޓުވާނެ ކަމަށް ވެސް ބުނެއެވެ.